
"ފިޒާ"
ވައިއަޑުން ކަހަލަ ގޮތަކަށް، މުހައްމަދު އަހްސަން ފިޒާގެ ނަން ކިޔާލި އެވެ. އިވުނު އަޑާއެކު ތާބިޝްގެ ބައްޕައާއި ދިމާއަށް ބަލައިލުމަށްފަހު ހަމަ އެސިކުންތުގައި ފިޒާ އިސްދަށަށް ޖަހައިފި އެވެ.
ކަރުނައިގެ ސުމާރެއް ނެތެވެ. ފިލަން ވަންނާނެ ހޮރެއްވެސް ނެތެވެ. އިސްޖަހައިގެން އިނދެ ސިއްރުކަރުނައިން ހިތަށް ތަސައްލީއެއް ހޯދުން ނޫން ގޮތެއް މިވަގުތު ފިޒާއަށް ނެތެވެ. އުފަން ބައްޕަގެ އެތައް ހަނދާނެއް ކުރިމަތީން ފެންނަން ފަށައިފި އެވެ.
އެއީ މާޒީ އެވެ. ނަމަވެސް ބައްޕަގެ ލޯބިން މަހުރޫމްވެ، ދިރިއުޅުމައިގެން ކުރިއަށްދިޔަ ރާސްތާގައި އަލަތު ކައިވެންޏާއި ހިސާބުން ދެވަނަ ފަހަރަށްވެސް ދިމާވީ ބައްޕައެކެވެ. ފިޒާގެ އުފަން ބައްޕައާއި ތާބިޝްގެ ބައްޕަގެ ލޯބީގައި ތަފާތެއް ހުރިކަން ނުވަތަ ނޫންކަން، މަންޒަރުބަލާ ބަޔަކު ފާހަގަކޮށްފާނެ އެވެ. ފިޒާގެ ހިތުން ތާބިޝްގެ ބައްޕައަށް ދެވިފައިވަނީ އުފަންބައްޕައެއްގެ މަގާމެވެ. އަހްސސަންގެ ފަރާތުން ފިޒާއަށް ލިބިފައިވަނީ އުފަންބައްޕައެއްގެ ކިބައިން ލިބުނުފަދަ އޯގާތެރިކަމާއި ލޯތްބާއި އަޅާލުމާއި އިހްތިރާމެވެ.
ހުތުރުކަން ބޮޑުވެގެންވީ ތުހުމަތަކާއިގެން ފިރިމީހާގެ ގެއިން ނިކުމެގެންދިޔަވަގުތު، ފިޒާއަށް ނިކުންނާންޖެހުނީ އެ ބައްޕައާވެސް ހަތަރުކަޅި ހަމަކޮށްލުމުގެ ހިތްވަރެއް ނުލިބި އެވެ.
އެތައް އަހަރެއް ފަހުން 'ބައްޕަ'އާއި މި ދިމާވީ ހެނދުނުގެ ނާސްތާއިންނެވެ. ގޮވާލަންވީކަމެއް، ދުވެފައިގޮސް ބައްޕަގެ އަތުތެރޭގައި ބޮނޑިވެލާންވީކަމެއް، ނުވަތަ ކުށެއް ނެތި އެޅުނު ހުތުރު އިލްޒާމުން ލަދުވެތިކަމާއެކު މިއަދުވެސް އިސްޖަހައިލާންވީކަމެއް ފިޒާއަށް ނުވިސްނުނެވެ. ބައްޕާއޭ ކިޔާ ގޮވައިލާން ހިތްމަޖުބޫރުކުރި ވަގުތު ފިޒާގެ ކަންފަތުގައި ހަރުލީ ހަރުކަށި އަޑެކެވެ.
"މިތަނުގައި ކަލޭ ކީއްތިކުރަނީ..؟" ކަޔާންގެ އަޑުން މާހައުލުގެ ހިމޭންކަން ނަގާލި އެވެ. ހަރުކަށިކަމާއެކު ކޮށްލި ސުވާލު އަމާޒުވީ ކޮށްދިމާއަކަށްކަން، ފިޒާއަށްވެސް އެނގުނެވެ.
މަޑުމަޑުން އިސްއުފުލާލާފައި ފިޒާ ބަލައިލީ ކަޔާންއަށެވެ. ނަފްރަތާއި ނުރުހުންތެރިކަމާއެކު ކަޔާން ބަލަމުންދިޔައީ އެވަގުތު އެތަނުގައި ހުރުން އެކަށީގެންނުވާ ހަމައެކަނި އިންސާނާއަށެވެ. ރައުދު ޒިލާލް ކަޅިވެސް ޖަހައިނުލައި ބަލަހައްޓައިގެން ހުރީ ފިޒާއަށެވެ. ލިބިފައި ހުރި ބާރުގަދަ ޝޮކްގެ ތަފްސީލެއް އެހެންމީހަކަށް ދޭކަށް ނުޖެހެ އެވެ. ބިރުގަތުމުގެ ބަދަލުގައި ފިޒާގެ މޫނުމަތީން ދުވެލީ ކާމިޔާބބުގެ ހިނިތުންވުމެކެވެ. އެއްމިޔަކަނުން ހިނިއައިސްފައި ރައުދުއާއި ދިމާއަށް ބަލައިލީ އޭނާގެ ބިރު، ކަފުންކޮށްފަ އެވެ.
"ސަރ.. އަޅުގަނޑު.. އެއީ.. މި އައީ.. އެއީ .. ތާބިޝް ސަރގެ.. ސޮ.. ސޮ އެ ކުރަންޖެހޭ... ޑޮކިއުމެނ.." އަޅައަޅައިގަންނަމުން ރައުދު ވާހަކަދައްކާން ފެށުމުން ފިޒާގެ ބެލުން ސީދާ ރައުދުއަށް އަމާޒުކޮށްލި އެވެ.
"ގެނޭ"
ހިތްހަމަނުޖެހުމާއެކު ތާބިޝްގެ އަތް ދިއްކޮށްލީ، އެބުނާ ފައިލެއްގައި ސޮއި ކުރުމަށް ދޭށޭ ބުނުމަށެވެ. ކޮންމެ ސަފްހާއެއް ކޮންމެ ފޮޅުވަތެއް ވަކިވަކިން ކިއުމަށްފަހު އެ ބުނާ ޑޮކިއުމެންޓެއްގައި ސޮއި ކޮށްފި އެވެ. ފައިލް ދިނުމަށްފަހު ތާބިޝްގެ އަތުން އިޝާރާތްކުރީ ގޭގޭ މައިދޮރާއި ދިމާއަށެވެ. ލިބުނު މެސެޖް ވަރަށް ސާފެވެ. އިސްޖަހައިގެން ހުރެ އެގެއިން ނިކުމެގެން ރައުދު ހިނގައްޖެ އެވެ.
ދާދި އަވަހަށް ނާސްތާގެ ކަންކަން ނިމިއްޖެ އެވެ. ތާބިޝްއާއި ކަޔާން އަދި އަހްސަން އޮފީހަށް ހިގައްޖެ އެވެ. ސަވާނާއާއެކު ފިޒާ ބަދިގެއަށްވަނީ މެންދުރުގެ ކޮއްތު ތައްޔާރުކުރާށެވެ.
"ބުނަންތަ ފިޒާ.... އެ ހާދިސާއަށްފަހު ދެން ދުވަހަކުވެސް ފިޒާ މިގެއަށް އަންނާނެކަމަށް އަހަރެން ހިޔެއް ނުކުރަން.." ބުނެވުނީ ކީކޭކަން ރެއަކާލުމުން ސަވާނާގެ ވާހަކަ މެދުކަނޑާލާފައި ފިޒާއާއި ދިމާއަށް ބަލައިލި އެވެ.
"އިޓްސް އޯކޭ ސަވާނާ..! ދެވަނަ ފަހަރަށް އަހަރެން މިގޭ އޮޅިގަނޑު ހުރަސްކުރާނެކަމަށް، އަހަރެންވެސް ހިޔެއްނުކުރަން.. މިގެއިން އެރޭ އަހަރެން ނިކުމެގެން ދިޔައީ ދާދި އަވަހަށް އެނބުރިއައުމުގެ އުއްމީދުގައި.. އެކަމަކު އަހަރެންގެ ތަގުދީރުގައި އަހަރރެންގެ ނަސީބުގެ ތަރި ދަތުރުކުރަމުންދިޔައީ މުޅިން އެހެން މިސްރާބަކަށް.. އެރޭ މިގެއިން ނިކުތުމާއެކު ދެން ކަންކަން ބަދަލުވެގެންދިޔައީ ހުވަފެނެއްގައިވެސް އަހަރެން ދެކިފައިނުވާފަދަ ނިކަމެތި ގޮތަކަށް.. އުއްމީދު ނާއުއްމީދަށް ބަދަލުވެ، ދިރިއުޅުން އޮޔާދިޔައީ އަހަރެންގގެ އިހްތިޔާރަކު ނޫން..!" ރިހުމުން ފުރިފައިވާ ހިނިތުންވުމަކާއެކު ފިޒާ ލުއިގޮތަކަށް ބުނެލި އެވެ. ފޮރުވާން މަސައްކަތްކުރި ވޭނާއި ޝަކުވާ ސަވާނާއަށް އެނގެ އެވެ.
"ފިޒާ..! ތި ދެމީހުންނަށްވެސް އެކަކު އަނެކަކާއި ނުލައި ނޫޅެވޭނެކަން އިނގޭއިރު، ހިތުން ރުހުމުން ތާބިޝްއަށް ދެވަނަ ފުރުސަތެއް ނުދޭން ތިއުޅެނީ ކީއްވެ؟ ދެމީހުންނަށްވެސް ހަމަޖެހުމެއް ލިބޭނީ ތި ދެމެދުގައި އިތުރު ފުރުސަތަކަށް މަގުފަހިވެގެން.." ސަވާނާ މަސައްކަތްކުރީ ފިޒާއަށް ވިސްނައިދެވޭތޯ އެވެ. ބޮލުން އިންކާރުކޮށް ފިޒާ ފުންނޭވާއެއް ދޫކޮށްލި އެވެ.
"ޒަހަމްވެފައިވާ ފާރުގަނޑެއްގައި ބޭސްއަޅައި ބޭންޑޭޖްކޮށް ފޮރުވާލަން ވަރަށް ފަސޭހަވާނެ.. އެކަމަކު މި ހިތް..، އަހަރެންގެ މި ހިތް މިއީ ހަމައެކަނި ލިބުނު ޒަހަމަކުން ފާރުވެފައިވާ ލައްގަނޑެއް ނޫން.. މިލިއަން އެތިކޮޅުތަކުން ފިސްފިސްވެ ކުދިކުދިވެ ލެއިން ތަތްތެޅިފައިވާ މި ހިތަށް ކުރާނެ ފަރުވާއެއް، އަދި ލިބޭނެ ތަސައްލީއެއް ނެތް..! މިއީ ލޯބީގެ ނަފްރަތާއި ބޭވަފާއާއި ތެދުވެރި ލޯތްބަކަށް އިހްތިރާމްނުކުރި ފިރިއެއްގެ ކިބައިން ލިބުނު ފަސޭހަވުމެއް ނެތް މަރުބައްޔެއް..! މިކަމުން އަހަރެން ސަލާމަތްވުމެއް ނެތް..! މި ރިހުމމަށް ދުވަހަކުވެސް ނިމުމެއް ނެތް.. އަހަރެންގެ ފުރާނައިގައި ވިންދެއްހުއްޓައި މި ރިހުމަށް ފަރުވާއެއް ނުލިބޭނެ.. ނޫނީ ފަހަރެއްގައި މި ބަލީގައި، އޯޕަން ހާޓް ސަރޖަރީއެއްގެ ބޭނުން ބޮޑުވެދާނެ..!" ކަރުނުން ދެ ލޯ ފުރިފައިވިޔަސް ހިނިތުންވެވޭތޯ ފިޒާ މަސައްކަތް ކުރި އެވެ.
"ލެއިން ތަތްތެޅިފައިވާ ތިޔަ ހިތަށް ހަމައެކަނި ފަރުވާއެއް ލިބޭނީ ތާބިޝްގެ ލޯބިން..! އެކަމަކު އެކަމަށް ފުރުސަތެއް ނުދޭން މަސައްކަތްތުކުރަނީ ފިޒާ.. ހެޔޮނުވާނެ، ތާބިޝްއަށް ފުރުސަތެއް ދީ..! ތި ދެމީހުންގެ ލޯބި، މިއަދުވެސް އަހަރުމެން އއެންމެންނަށް ފެނޭ..!" ފިޒާގެ ބުރަކަށީގައި ފިރުމާލަމުން ސަވާނާ ބުންޏެވެ. ވެއްޓެމުންދިޔަ ކަރުނަތިކި ފޮހެލުމަށްފަހު ސަވާނާ އިޝާރާތްކޮށްލީ، ފިޒާވެސް ހިނިތުންވުމަށެވެ.
.........................
ސަވާނާއާއެކު ވަގުތުކޮޅެއް ބަދިގޭގައި ހޭދަކުރުމަށްފަހު ފިޒާ އައިސްވަނީ ކޮޓަރިއަށެވެ. ހިފަހައްޓައިގެން ހުރރި އިހްސާސްތައް ބަންޑުންވާން ފަށައިފި އެވެ. ދޮރުލެއްޕުމާއެކު އެނދާއި ދިމާއަށް ފިޒާ ދުއްވައިގަތެވެ. ވީނުވީއެއް ނޭގި، އެނދުކައިރިއަށް ފިޒާ ވެއްޓުނީ އަމިއްލަ ހަށިގަނޑުގެ ކޮންޓްރޯލް ދޫވުމުންނެވެ. ބާރުއަޑަކާއިއެކު ބިންމައްޗަށް ތިރިވީ، ކަރުނުން ފުރިފައިވާ ދެލޮލުގެ އެސްފފިޔަތައް ލައްޕާލަމުންނެވެ.
"ޔާﷲ... މިއަޅާއަށްޓަކައި މި ދުނިޔެ، މިހައި އުނދަގޫތަނެއްކަމުގައި ލެއްވީ ކީއްވެތޯ...؟ މިއަޅާއަށް ކުރެވުނު ކުށަކީ ކޮބައިތޯ..؟" ގިސްލުމުގެ އަޑާއެކު ފިޒާގެ ޝަކުވާތައް އޮއްސާލި އެވެ. ހިތްދަތިކަމާއެކު ރޮމުން، އަމިއްލަ ހާލައިމެދު އެތައް ވާހަކަތަކެއް ދެއްކި އެވެ. ފިޒާގެ އިހްސާސްތައް ބަންޑުންކޮށްލީ ކެތްތެރިކަން ކޮޅުންލުމުންނެވެ.
"ފިޒާ"
އިވުނު އަޑަށް ފިޒާ ބަލައިލީ ދޮރާއި ދިމާއަށެވެ. ރިހުމުން ފުރިފައިވާ ހިނިތުންވުމެއްގައި ފިޒާއާއި ދިމާއަށް ބަލަހައްޓައިގެން ހުރީ ތާބިޝް އެވެ. ތާބިޝްގެ އެންމެ ހިނިތުންވުމެއް ފިޒާގެ އެތައް ޒަހަމަކަށް ފަރުވާއެއްކަމުގައި މިއަދުވެސް ފުދޭ އެވެ. ނަމަވެސް ތާބިޝްގެ ހިޔާވެއްސަށް ފިޒާ އައީ ކޮންބޭނުމެއްގައިކަން ހަނދާންވުމުން އޭނާގެ މޫނުމަތީގެ ހުރިހައި ކުލައެއް ބަދަލުވެގެންދަނީ ހިނދުކޮޅެއްގެ ތެރޭގަ އެވެ.
މަޑުމަޑުން ހިނގާލާފައި އައިސް ކުޑަކަކޫ މައްޗަށް ތާބިޝް ތިރިވެ، ފިޒާގެ އަތުގައި ހިފާލި އެވެ.
"ފިޒާއަށް ކޮޓަރިއެއް ހަދައިދިނުމާ ބެހޭގޮތުން އަހަރުމެން ދެމީހުން ދެމެދުގައި ދެކެވުނު ވާހަކަ ފިޒާ ހަނދާންއެބަހުރިތަ؟" ތަފާތު އަސަރަކާއި އިންތިހާ ލޯތްބާއެކު ތާބިޝް ސުވާލުކުރި އެވެ. ކުޑަކުއްޖަކު ފަދައިން ފިޒާގެ ބޮލުން ހަރަކާތްކޮށްލީ އާއެކޭ ބުނުމަށެވެ.
ތެދެކެވެ. ފިޒާބޭނުންވާ ގޮތް ތާބިޝްއަށް ހުށަހެޅި އެވެ. އެއީ އުފާވެރި ހަޔާތެއްގައި ދެމީހުން ދިރިއުޅުމަށް ބިނާކުރި ހިތްގައިމު ތަސައްވުރެކެވެ. ބޮޑުކޮޓަރިއެކެވެ. 'ކޯޒީ' އެނދަކާއި، ހަމަ އެފަދަ ސޯފާއެއް ހުންނާންވާނެ އެވެ. ކޮޓަރިއާއި ގުޅިފައިވާ ހިތްގައިމު ބެލްކަންޏެއް ވާނެ އެވެ. ހިތްގައިމު އުނދޯންޔަކާއި ވަށައިގެން މީރުވަސްދުވާ މާމެލާމެލި އެ ބެލްކަނީގައި ވާނެ އެވެ. ކޮޓަރިއާއި ގުޅިފައިވާ ކުޑަކުޑަ ހިތްގައިމު ލައިބްރަރީއެއް ފިޒާ ބޭނުންވެ އެވެ. ލައިބްރަރީގައި ނަމާދު ކޮޓަރިއެއް ހިމެނުމަކީ ފިޒާގެ އެންމެ ހާއްސަ ޝަރުތެވެ. ކޮންމެ ފާރެއް ފަޅުފިލުވުމަށް ތާބިޝްގެ އަތުކުރެހުން ހުރުމަކީ ލާޒިމްކަމެކެވެ. ކޮޓަރީގެ ކޮންމެ ފަރުނީޗަރެއް އަދި ޒިނަތްތެރިކުރުމުގެ ގޮތުން ބޭނުންކުރެވޭ ކޮންމެ އެއްޗަކީ ހުދު ނުވަތަ ކްރީމްކުލައިގެ ފަރުމާއަކަށް ގުޅޭ ހޮވުމަކަށް ވުމަކީވެސް ފިޒާގެ ޝަރުތެކެވެ.
ލޯތްބާއެކު ފިޒާގެ ހުރިހައި ހުށަހެޅުމެއް އަތުގެ އިނގިލިތައް ހެކިކޮށް ގުނަމުންދިޔައީ ރިސޯޓެއްގެ ހިތްގައިމު ގޮނޑުދޮށެއްގައި ތާބިޝްގެ އުނގުގައި ބޯއަޅައިގެން އޮވެ އެވެ. ވާހަކައިގެ މެދުތެރެއިން ތާބިޝް ދާންޖެހުނީ އޭނާގެ މަންމަގެ އެދުމަށެވެ. ވީ އެންމެ އަވަހަކަށް ތާބިޝް އެކަނި އައިސް މަންމައާއި ބައްދަލުކުރުމަށް ފޮނުވި މެސެޖްގެ ޖަވާބުގައި ތާބިޝް، ދުވެފައި ދިޔައީ 'އެބަ އަންނަން، ވެއިޓް ފޯ މީ ޕްލީޒް' ބުނެފަ އެވެ. އިރުއޮއްސި މަގްރިބް ނަމާދަށް ގޮވުމުން، ގޮނޑުދޮށުން ތެދުވެގެން ފިޒާ ކޮޓަރިއަށް އައީ ތާބިޝް އެނބުރި ނައިކަމުގެ ޝަކުވާކުރާކަށް ނޫނެވެ.
އެއީ މާޒީ އެވެ. ތެދެކެވެ. ފިޒާ އެ ދުވަސް ހަނދާން އެބަހުއްޓެވެ. އެވާހަކަތަކާއި ހުށައެޅުމާއި ޝަރުތުތައްވެސް ހަނދާން އެބަހުއްޓެވެ. އެއިން އެއްވެސް ކަމެއް ހަގީގަތަކަށްނުވި އެވެ. ދިރިއުޅުމުގައި ފިޒާއަށް ލިބުނީ ހިތާމައާއި އެކަނިވެރިކަމާއި ވޭނެވެ. ރިހުމާއި ނަފްރަތެވެ. ވަފާތެރިކަމުގެ ބަދަލުގައި ބޭވަފާތެރިކަމެވެ. ދުނިޔެ ދިނީ، ލަދުވެތިކަމެވެ. ދެކިފައިވާ ކޮންމެ ހުވަފެނަކީ ބިލާހެކެވެ. އެދުވަސްތަކާއި އެހަނދާންތައް ފިޒާގެ ހިތުން ފިލައިގެން ދާނެހެއްޔެވެ؟
ހިޔާލުގެތެރެއިން ނިކުމެވުމާއެކު ފިޒާ ތެޅިގަތެވެ. ކޮޓަރީގައި އެހެން އެކަކުވެސް ނެތެވެ. އެދުވަހު، ޖައްވުގެ އަނދިރިކަމުގައި ހިމޭން ރާޅުތަކުގެ ހާޒިރުގައި ދޮންވެލިގަނޑުމަތީގައި ފިޒާ އިންފަދައިން، މިއަދުވެސް އެކަނިވެރިވީ އެވެ. ތަފާތަކީ މިއަދު ފިޒާ އިނީ، ފިނި މުށިތަޅުންގަނޑުމަތީގަ އެވެ. އެދުވަހު ދޮންވެލިގަނޑުމަތީގަ އެވެ.
"އެދުވަހުވެސް، އަހަރެން އެކަނިވެރިކޮށްލާފައި ތާބިޝް ދިޔައީ.. މިއަދުވެސް އަހަރެން އެކަނިވެރިކޮށްލާފައި ތާބިޝް ތިދިޔައީ..! ތާބިޝްގެ ހަޔާތުގައި އަހަރެންގެ މަގާމަކީ މިއީ..!" މާޒީގެ އެދުވަސް ހަނދާންކުރަމުން ފިޒާ ބުނެލި އެވެ.
ކުރިއަށްވުރެން ގަދަރިހުމަކާއެކު ފިޒާ ގިސްލާން ފަށައިފި އެވެ.
ކޮނޑުގައި މީހެއްގެ އަތް ބާއްވާލުމުން ފިޒާ ބަލައިލި އެވެ. އެ ބީހުން ފިޒާއަކަށް ނޯޅޭނެ އެވެ. އެއީ ތާބިޝްގގެ އަތެވެ.
"ކާކު ބުނީ އަހަރެން ފިޒާ ދޫކޮށްފައި ދާނެޔޭ..؟ އެދުވަހުވެސް އަހަރެންގެ ވާޖިބު އަދާކުރުމަށްފަހު އައީ ފިޒާ ގާތަށް.. މިއަދުވެސް އަހަރެން މިހުރީ ފިޒާއާއެކު..! ތަފާތަކީ އެދުވަހު އަހަރެންގެ މައްޗަށް އޮތް މަޖުބޫރު..!" ތާބިޝްގެ މަޖުބޫރީ ހާލަތުގެ ހަގީގަތް މިއަދުވެސް ތާބިޝްއަށް ނޭގޭނެކަން ފިޒާއަށް ޔަގީނެވެ.
ތާބިޝްގެ މަންމަ، އެދުވަހު ތާބިޝް ގެނުވީ މަންމަގެ ސިއްހީ ހާލަތަށް ދޮގުހަދައި އޮޅުވާލައިގެންނެވެ. ފިޒާގާތަށް ދިޔަނުދީ ހިފަހަށްޓާލީ، ބަލިކަމުގެ ހުތުރު ޑްރާމާއެއް ތާބިޝްކުރިމަތީގައި ކުޅެފަ އެވެ. ފިޒާއަށް އެކަން އެނގެން ވަގުތު ނެގި އެވެ. ނަމަވެސސް ތާބިޝް މަންމަގެ ދުލުން އެވާހަކަ ދައްކާއަޑު އިވުމުން އެކަން ގަބޫލުނުކޮށް ފިޒާއަށް އެހެން ގޮތެއް ނެތެވެ. އެދުވަހާއި އެފަދަ އެތައް ދުވަހެއްގެ ކިތަންމެ ހާދިސާއެއްގެ ހަގީގަތް ތާބިޝްއަށް ބުނެދިނުމަކީ ދުވަހަކުވެސް ފިޒާ ކުރާނެކަމެއް ނޫނެވެ. މަންމައަކަށްޓަކައި ދަރިއެއްގެ ހިތުގައި ނަފްރަތް އުފެއްދުމަކީ ފިޒާގެ އުފަލެއް ނޫނެވެ.
ހިޔާލްގެތެރެއަށް ގެއްލިފައި އިން ފިޒާއަށް ތާބިޝް ބަލައިލި އެވެ. ލޮލާއި އަދި ކަރުނުން ތެމިފައިވީ ކޯތާފަތް ފޮހެލައިދިނެވެ.
"ވަރަށް ބޮޑުކަމެއް ފިޒާގެ ކިބައިން ބޭނުން..! އެފަދަ ބޮޑު ކަމަކު ކިޔަސް އެންމެ ރަގަޅުތަ..؟" ވަރަށް ހިތްވަރުކޮށްފައި، ނަމަވެސް ޖެހިލުންވެފައި، ތާބިޝް ސުވާލުކުރި އެވެ.
ހައިރާންވެފައި ފިޒާ ބަލައިލީ ތާބިޝްގެ ލޮލަށެވެ. މަނާކުރުމުގެ ބާރެއް ފިޒާއަކަށް ނުލިބުނެވެ. އާއެކޭ ބުނުމމަށް ރަތްވެވެފައިވާ ދެލޮލުގެ އެސްފިޔަތަކުން އިޝާރާތްކޮށްލީ، ތާބިޝް އެދުނު އެދުމަށް، އިޒްނަ ދީފީމޭ ބުނުމަށެވެ.
"އަހަރެންނަށްޓަކައި ފިޒާގެ ހިތުގައި އޮތް ހުރިހައި ނަފްރަތެއް އަދި ހިތްހަމަ ނުޖެހުމެއް އެކަހެރިކޮށްލާފައި ފިޒާގެ ހަޔާތުން އެންމެ ފަސްމިނެޓް އަހަންނަށް ދެވިދާނެތަ..؟ ޕްލީޒް..! މަނާނުކުރާނެކަމަށް ވަރަށް އުއްމިދުކުރަން..! ބޭނުމީ އަހަރެންގެ ޕްރިންސެސްގެ ހަޔާތުން ފަސް މިނެޓް" ހިތްވަރުކޮށްފައި ތާބިޝްގެ ހުށަހެޅުން ހުޅުވާލި އެވެ. 'ޕްރިންސެސްގެ ހަޔާތުން ފަސް މިނެޓް'ގެ މާނައަކީ ފިޒާއާއި ތާބިޝްގެ ލޯބީގެ އެންމެ ތާޒާ ދުވަސްވަރުކަން ފިޒާއަށް އެނގުނެވެ. އެއްބަސް ވެވުނު ފަދައިން، އެކަމަށް ފިޒާ އިހްތިރާމްކުރުމަށް ހިތުގައި އަޒުމު ކަނޑައެޅި އެވެ. ހިތި މާޒިގެ ހުރިހައި ހަނދާނެއް އެއްފަރާތްކޮށް، އުފާވެރިކަމުގެ ފަސް މިނެޓަށް ތައްޔާރުވެ ހަށިގަނޑު ސީދާކޮށްލި އެވެ.
އުއްމީދުން ފުރިގެންވީ ބެލުމަކުން ތާބިޝް ބަލަމުން ދިޔައީ ފިޒާއަށެވެ. ލިބޭނެ ޖަވާބަކަށް ކެތްތެރިކަން ކުޑަވެފައިވާ ތުއްތުކުއްޖަކު ފަދައިން ތާބިޝް ހިނިތުންވި އެވެ.
"އޯކޭ"
ފަނޑުގޮތަކަށް ފިޒާގެ ދުލުން ނިކުތް އިޒްނަ ތާބިޝްގެ ހިތް ތަޅުވާލި އެވެ. ދިރިހުރިކަމުގެ ވިންދަކުން ހިތް ނނަށާލި އެވެ. ލިބުނު އުފަލުގައި ތާބިޝްގެ ދެ ލޯ ފެންކަޅިވި އެވެ. އެއީ އުފަލުގެ ކޮޅެއް ނެތްކަމުގެ ހެއްކެއްގެ ގޮތުގަ އެވެ. (ނުނިމޭ)