
މުޖުތަމައުގެ ނޭދެވޭ ކަންކަން އިސްލާހު ކުރުމަށް ދަރިންގެ ހިތްތަކުގައި އިސްލާމް ދީނުގެ ސައްހަ އަގީދާ އަށަގަންނުވައި އިސްލާމީ ރިވެތި އަހުލާގާއި އިޖުތިމާއީ އަދަބު އިހުތިރާމުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށް އިތުރު ސަމާލުކަމެއް ދިނުމަން އަވަސްވެ ގަންނަން ވެއްޖެ އެވެ. ރަނގަޅު ޖީލެއް ގައުމެއްގައި އުފެދެނީ މުޅި މުޖުތަމައުގެ ބައިވެރިވުމާއެކު ނަމޫނާ ދެއްކި ގެންނެވެ.
އިޖުތިމާއީ ނަޒަރުން ބަލާއިރު ރާއްޖޭގައި ކުޑަކުދިންނަށް ލިބެންވާ ހިމާޔަތާއި ރައްކާތެރިކަމާއި އިހުތިރާމް ގާނޫނު ތަކުންނާއި މުއާހަދާތަކުން ލިބިދެ އެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، ކުޑަކުދިންނަށް މުޖުތަމައުގައި ހާއްސަ އުސޫލަކުން އަމަލު ކުރުމަށް ރާއްޖޭގެ ގާނޫނު އަސާސީން ލާޒިމު ކުރެ އެވެ. 1991 ވަނަ އަހަރުން ފެށިގެން ކުޑަކުދިންގެ ހައްގުތަކާބެހޭ ގާނޫނެއް ފާސްކޮށް، އެއަށް ރާއްޖޭގައި އަންނަނީ އަމަލު ކުރަމުންނެވެ. ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށާއި، ސިއްހަތު ރަނގަޅު ބައެއްގެ ގޮތުގައި ބެލެހެއްޓުމަކީ މައިންބަފައިންނާއި، ދިވެހި ސަރުކާރުގެ މައްޗަށް މިގާނޫނުން ލާޒިމު ކުރާކަމެކެވެ.
ނަމަވެސް މި ހަގީގަތް މިއަދުގެ "އިސްލާހަށް" މަސައްކަތް ކުރައްވާ އެންމެ ބޭފުޅުން ވެސް ގަބޫލު ކުރަން ވެއްޖެ އެވެ. ކުޑަ އަދި ފުރާވަރު އުމުރުގައި ޒުވާނުންގެ ތައުލީމާއި ތަރުބިއްޔަތުގެ ފުރަތަމަ މަދަރުސާއަކީ އެކުއްޖެއްގެ ގެއެވެ. އެކުއްޖާގެ ފުރަތަމަ މުދައްރިސަކީ އެކުއްޖާގެ މަންމަ/ބައްޕަ އެވެ. އެހެންކަމުން ސޯލިހު މަޔަކަށް ނުވަތަ ބަފަޔަކަށް ނޫނީ ސޯލިހު ދަރިއަކު ތަރުބިއްޔަތެއް ނުކުރެވޭނެތާ އެވެ.
ރިވެތި އަހުލާގަކީ އޭގެ ސަބަބުން ހެޔޮ އަމަލުތައް މަތިވެރި ކުރާ އެއްޗެކެވެ. އަދި މީހާ ކިތަންމެ ގިނަ ހެޔޮ އަމަލުތަކެއް ކުރިކަމުގައި ވިޔަސް އެމީހާގެ ކިބައިގައި ރިވެތި އަހުލާގު ނުވާ ނަމަ އެ އަމަލުތައް ފާސިދުވެ އެވެ. މި ނަބަވީ އިރުޝާދު ކިތަންމެ ބޮޑުވިޔަސް މައިންބަފައިންގެ މައްޗަށް ވެސް ހިނގާނެ ނޫންތޯ އެވެ. އެހެން ކަމުން ދަރިންގެ އަހުލާގުގެ ބިންގަލަކީ މައިންބަފައިންނާއި ބެލެނިވެރިން ނެވެ. އެމީހުން ބޯ އެއްޗެއް ދަރިން ވެސް ބޯނެ ކަމަށް ދެކޭށެވެ. އެމީހުން ލެވި ހަޅޭކެއް އެމީހުންގެ ދަރިން ވެސް ލަވާނެ އެވެ. އަދި އެމީހުން އެދޭ ގޮތް ދަރިން ވެސް އެދޭނެ އެވެ. މައިންބަފައިންގެ އަމަލަކީ ދަރިން/ޒުވާނުން ހަލާލު ހަރާމް އަދި ނުބައި ގޯސް ބަލާނެ ދުރުމި އެވެ.
އެހެންކަމުން ތަރުބިއްޔަތުގެ މަންހަޖެއްގައި ބޮޑެތި މީހުންގެ ނަފުސުތައް ރިވެތި އަހުލާގާގެ ގަހަނާއިން ޒީނަތްތެރިކޮށްފައިވާ ބަޔަކަށް ހަދަން ޖެހެ އެވެ. ރިވެތި އަހުލާގު ދެނެގަތުމާއި، އުނގެނުމާއި ރިވެތި އަހުލާގު އަމިއްލަ ނަފުސުގައި އަށަގެންނެވުމާއި ރިވެތި އަހުލާގު އުނގަންނައިދޭ ބަޔަކަށް އަޅުގަނޑުމެން ވެގެން މެނުވީ މުޖުތަމައުގައި ދަރިން/ޒުވާނުންގެ އަމަލުގައި ރިވެތި އަހުލާގު އަށަނުގަންނާނެ އެވެ. މިއަދުގެ "ޖެންޒީ ކުދިން" ނަށް ބުނެ ނުދެވުނީ މާއްދީ އަތުގެ ކަނުލޮލުން ދުނިޔެއަށް ބެލުމުން ކުރިމަތިވާނެ ނުރައްކަލުގެ ހިތި ނަތީޖާ އެވެ. މިފަހުން ފުލުހުން އާންމުކުރި ވީޑިއޯ އިން އެ ފެނުނީ މިދެންނެވި މާއްދީއަތައް ކަނު ލޮލުން ބެލުމުގެ ހިތި މާޒީ އެވެ.
ފާއިތުވި ދިގު މާޒީގެ ތައުލީމީ ވެށިން ދަސްކޮށްދިން އަގުތަކާއި އަހްލާގުން ފާޅުވި ހަގީގަތުގެ މައްޗަށް، ގައުމުގެ ކުރިމަގާމެދު ވިސްނާ އިލްމީ ފޯރަމުތައް ބާއްވައި، ގާނޫނުތައް އިސްލާހުކޮށް، ގަވާއިދުތައް ހަރުދަނާ ކުރުމުގެ ބަހުސް މިއަދު އަލުން ފަށަން ވީ އެވެ. ގައުމުގެ ހާލަތު ބަދަލުވޭތޯ އެވެ! ތަރުބިއްޔަތުގެ އަގު ގެއްލި ނުގޮސް އިތުރު ހެޔޮ ބަދަލެއް މުޖުތަމައުން ފެނޭތޯ އެވެ؟
ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ޕްރިންސްޕަލަކު، ނަން ނުޖެހުން އެދި ވާހަކަ ދައްކަމުން ވިދާޅުވީ ޒުވާނުންނާއި ދަރިވަރުންގެ އަހުލާގު ގޯސްވެގެން އުޅެނީ ސަބަބުތަކެއް ހުރެގެން ކަމަށާއި މައިގަނޑު އެއް ސަބަބަކީ ސްކޫލްތަކާއި ކިޔަވައިދޭ މީހުންގެ ފޯކަސް ބަދަލުވުން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ފެންނަ ގޯސްތަކާއި ރަނގަޅު ކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށާއި އަހުލާގު ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތުކޮށް މުޖުތަމައަށް ނެރުމަށްޓަކައި ސްކޫލް ސިސްޓަމުގެ ތެރެއިން އިސްކަން ދޭން ޖެހޭ ކަންކަން ދިރާސާކޮށްފައި އަލުން ތަރުތީބު ކުރަން ޖެހޭ ކަމަށެވެ. ސިޔާސަތު އެކަށައަޅައި ހިންގާ އިރު ވެސް ހެދޭ ގޯސްތައް އިތުރުވަމުންދާ ކަމަށާއި އެކަންކަމުން ގޯސް ނަތީޖާ ނިކުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި މުޖުތަމައުގެ އިޖުތިމާއީ ފޭރާން ވީދިފައިވާ މިންވަރު އެންމެ ރަނގަޅަށް އެނގޭނީ ވެސް ދިވެހިންނަށެވެ. ދަރިވަރުންނާއި ޒުވާނުންނާއި ބޮޑެތި މީހުންގެ އަގީދާ އާއި އަހްލާގު އެ މީހުންގެ ގައިގައި ކަށަގަނެވިފައިވާ މިންވަރާ މެދު ވެސް މިހާރު ސުވާލު ކުރާނެ އެވެ. އެހެން ކަމުން ދިވެހި މުޖުތަމައު އާއި އަންނަށް އޮތް ޖީލާއި މިހާޜުގެ ކިޔަވައި ކުދިންނަކީ އިސްލާމް ދީނުގެ އަގީދާއިން ޖަރީވެފައިވާ އަހުލާގު ރަނގަޅު މީހުންނަށް އިހްތިރާމް ކުރާ ޒިންމާދާރު ބަޔަކަށް ހެދުމަށް ވުރެ ބޮޑު މަސްއޫލިއްޔަތެއް އެބަ އޮތްތޯ އެވެ.
ނަމަވެސް މި ފަހަރު "ތަރުބިއްޔަތުގެ އިސްލާހީ މަސައްކަތް" ފަށަންވާނީ ކުޑަކުދިން ދުނިޔެއަށް އުފަންވަނީ އެ ކުދިން ބަލަހައްޓަންވީ ގޮތުގެ މެނުއަލެއް ނެތި ކަން ދެކި، ޒަމާނުގެ އޮއިވަރާއެކު، ތަހުޒީބީ ބަޔަކަށް ވުމަށް ދަތުރު ފެށީ ފަރުދާގެ ނިވަލުގައި، ވާކަންކަމަށް ފަސް އެނބުރި ބަލާލުމެއް ނެތި ކަން ގަބޫލުކޮށްގެން ނެވެ. ބަވަނަ ވަމުންދާ ދުނިޔޭގައި ތަރައްގީގެ ދަތުރުގައި މިސްރާބު ހިފަންވާނީ ކުރިމަތިވެދާނެ އޮއިވަރާއި ރާޅަށް ބަލަމުން ނެވެ. ނަގައި ބޯމަތިވަމުން އަންނަ ވިއްސާރަ ވިލާތަކަށް ހާއްސަ ސަމާލުކަމެއް ދީ ގެންނެވެ. ހުރިހާ ކަމެއް ވަރިހަމަ ނުކޮށެވެ. ދުރުވިސްނުން ތެރިންނާއި، ހިކުމަތްތެރިންގެ ބަސްތަކަށް ބީރު ކަންފަތެއް ނުދީ އެވެ. އިހު ކާބަފައިންގެ ދަސްވެނިވުން ތައް ބަލައިގެން ނެވެ.
މި ގައުމުގެ ކުރިއަށް އޮތް ޖީލުގެ އަހްލާގިއްޔާތަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިއްޖެ ކަމަށް ގަބޫލުކޮށް، ގައުމުގެ އިޖްތިމާއީ ފޭރާން ހިފަހައްޓައި ދީނާއި ގައުމުދެކެ ލޯބިވާ ރިވެތި މަކާރިމުލް އަހްލާގުން ޒީނަތްތެރިވެފައިވާ ޖީލެއް ބިނާ ކުރުމަށް ޓަކައި ފަރުދީ ޒިންމާ ދިވެހިން އަދާ ކުރަން ޖެހެ އެވެ.
ސުވާލަކީ އެނބުރި ދާން މި ޖެހުނީ ކާބަފައިން ތަރުބިއްޔަތުވި މުގަރައްރަރަށް ހެއްޔެވެ؟ މުޖުތަމައު އަށް އެންމެ ބޭނުންވާ ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައި އަމަލު ކުރަންވީ ސާފު މުގައްރަރެއް ތައުލީމީ މަންހަޖަށް އަންނަން ލަސްވެއްޖެ ނޫން ހެއްޔެވެ.؟ ގައުމުގެ މުސްތަގުބަލް ކަމުގައިވާ، ޒުވާން ޖީލު ސަލާމަތް ކުރުމުގައި އިހުގެ ތިއަރީ ތަކަށް ނުގޮސް މިއަދު ފަރުޖެއްސެން އެބައޮތް ހެއްޔެވެ.؟ އޮށި ފިލާ އާއި އިލޮށި ފައްޗެވެ. އަދަ ގޮނޑި އާއި ނަމާދު ހާޒިރީ އެވެ. އެ ހުރިހާ ކަމެއް ވެސް އެ ޒަމާނުގައިކޮށްފައި ވާނީ އިސްލާމީ އަގީދާއިން ޖަރީވެފައިވާ ދިވެހި ދަރިންތަކެއް މާދަމާގެ ޖީލަށް ވާސިލު ކުރުވުމުގެ މާތް މަގުސަދުގައި އެވެ.
ކޮންމެ އަކަސް މިއަދުގެ އިލްމީ ހަގީގަތަކީ ދިވެހިންގެ ތެރޭގައިއޮތް އިސްލާމީ އަގީދާ އާއި އަހުލާގީ އާދަތައް ބީވެ ދިޔުމެވެ. އެހެންކަމުން މިއަދުގެ މީހުންނަށް ކުރަންޖެހިފައިވާ އެންމެ ބުރަ އަދި ބޮޑު ޒިންމާއަކީ އިސްލާމީ އަގީދާ އާއި ރިވެތި އަހްލާގީ މުޖުތަމައު އާއި އެ ސިފަތައް އިޔާދަކުރެވޭތޯ މަސައްކަތް ކުރުމަށް "ރިފޯމް" ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމެވެ. މިހާރު ވެސް އެކަން ކުރަން މާ ލަސްވެއްޖެ އެވެ. ގައުމުގައި ހުރި އިޖުތިމާއީ ބަލިތަކާއި ޒުވާނުންނަށް ކުރިމަތިވާ ނޭނގާނީ ކަންކަމަށް ފަރުވާ ހޯދުމުގެ އަޒުމުގައި އެވެ.