
މިކަން އެމްޑީޕީން ހާމަކޮށްފައިވަނީ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ބައްދަލުވުމުގައި ވާހަކަދެއްކެވި އެމްޑީޕީ ޕީޖީ ގްރޫޕުގެ ތަރުޖަމާނު މައުރޫފް ޒާކިރް ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ސަރުކާރުގެ އިހުމާލު ވަރަށް ބޮޑުކަމަށެވެ. އަދި މިކަމާ ގުޅިގެން ޒުވާނުން ކުރަމުންދާ އިހްތިޖާޖުތަކަށް އެމްޑީޕީން ފުރިހަމައަށް ތާއީދުކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ތަހުގީގީ އިދާރާތަކާއި ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައި. ހޮޅުދޫގައި ހިނގި މާރާމާރީގެ މައްސަލައިގައިވެސް އިންސާފު ނުލިބި ލަސްވަމުންދާތީ ރައްޔިތުން ވަރަށް ކަންބޮޑުވޭ،" މައުރޫފް ވިދާޅުވިއެވެ.
މުޒާހަރާތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް އެމްޑީޕީން ގޮވާލާފައިވާއިރު، ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ޒުވާނުން ކުރިއަށް ގެންދާ މުޒާހަރާތަކުން ސިޔާސީ ފައިދާ ނެގުމަށް ބަޔަކު މަސައްކަތްކުރާ ކަމަށާއި އެ ފުރުސަތު ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަންހެނަކު އިމާރާތަކުން ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަކީ ގަބޫލުކުރައްވާ ކަންބޮޑުވުންތަކެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ގައުމުގައި ހަމަޖެހުން އޮތުމަކީ ވަކިވަކި ފަރުދުންނަށް ވެސް އަދި ޖުމްލަ ގޮތެއްގައި މުޅި ރައްޔިތުންނަށް ވެސް މުހިންމު ކަމެއް ކަމަށެވެ.