
ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު މެންދުރު ފަހު 3:00 ފެށި ސާޖަރީ ގާތްގަޑަކަށް 5 ގަޑިއިރަށް ދެމިގެން ދިޔަކަމަށެވެ. އަދި ސާޖަރީ ނިންމުމަށްފަހު މިހާރު ޔުމްނު އައިސީޔޫއަށް ބަދަލުކޮށްފައިވާކަމަށް އޭނާ ބުންޏެވެ.
މުއުމިން ބުނީ ޔުމްނުގެ މިއަދު ހަދާފައިވަނީ ސީ7 (ކަނދުރާގެ ތިރީބައިގައި ވާ ސްޕައިން ކަށިގަނޑު) ގައި ފްރެގްމެންޓެޑް ފްރެކްޗާއަށް ފަރުވާ ދިނުމަށް ހަދާފައިވާ ސާޖަރީއެއްކަމަށެވެ. އެއީ ޔުމްނުގެ ކަނދުރާ ބިނދިފައި އޮތުމުން ހަދަން ޖެހުނު ސާޖަރީއެކެވެ. އަދި މީއީ ޔުމްނު ކުރިމަތިލާން ޖެހޭނެ އެންމެ ނުރައްކާތެރި ސާޖަރީކަމަށާއި މި ކަހަލަ އިތުރު ސާޖަރީއެއް ނެތްކަމަށް މުއުމިން ބުންޏެވެ.
މުއުމިން ބުނީ އެންމެންގެ ހެޔޮ ދުއާތަކުގައި ޔުމްނު ހިމަނާދިނުމަށް އައިލާއިން އެދޭކަމަށެވެ.
ޔުމްނުގެ ހާލަތާއި ގުޅޭގޮތުން ހެޔޮއެދޭ ފަރާތްތަކުން ކުރަމުން އަންނަ ސުވާލުތަކަށް ޖަވާބު ދެމުން ޔުމްނުގެ ޅިޔަނު މުހައްމަދު މުއުމިން ރޭ 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ ޔުމްނަށް ފެންނަ ފެނުމަށް މާބޮޑު ކުރިއެރުމެއް ނުލިބުނަސް ޔުމްނު އަށް ބޭނުންވާ އަރާމު ލިބޭކަމަށެވެ. އަދި ސާޖަރީއަކަށް ވަރަށް އަވަހަށް ދާނެކަމަށް ޑޮކްޓަރުންނާއި ހަވާލީ މުއުމިން ވަނީ ބުނެފައެވެ.
ހ. މިޓާޒްގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިމަހުގެ 18 ވަނަދުވަހުގެ ހެނދުނުއެވެ. އެ ހާދިސާ ހިނގިތާ ހަފްތާެއެއް ފަހުން ޔުމްނު އިތުރު ފަރުވައަށް މެލޭޝިޔާއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ.
އައިޖީއެމްއެޗުގައި ފަރުވާދިނުމަށްފަހު މެލޭޝިޔާއަށް ޔުމްނު ގެންދިޔައިރުވެސް އޭނާގެ ހާލު ސީރިއަސްކަމަށް ފުލުހުން ވަނީ ބުނެފައެވެ.