
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުއިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މިދިޔަ އާދިއްތަ ދުވަހުއެވެ. ތިން މެމްބަރުންނާއި އެކު އުފެއްދި ކޮމިޝަންގެ މެމްބަރުން ބަދަލުކުރައްވާ 5 މެމްބަރުންގެ ކޮމިޝަނެއް އިއްޔެ ވަނީ ރައީސް އުފަދައްވާފައެވެ.
ކޮމިޝަނާއި ގުޅޭގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެމުން އަންނަ މުހައްމަދު މުއުމިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތިޔާސީ ކޮމިޝަނުން އިންސާފު ލިބިދާނެކަމަށް ގަބޫލު ނުކުރެވޭކަމަށެވެ.
މުއުމިން ބުނީ އިންސާފު ހޯދަން އާއިލާއިން ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެކަމަށެވެ.
މިހާރު މެލޭޝިޔާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނުގެ ވަރަށް ކްރިޓިކަލް ސާޖަރީއެއް މިރޭ ވަނީ ހަދާފައެވެ. ކަނދުރާގެ ބިނދިގެން ހެދި މި ސާޖަރީ ހަދަން 5 ގަޑިއިރި ހޭދަވިކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އަދި ސާޖަރީއަށް ފަހު އައިސީޔޫއަށް ފަހު ބަދަލުކޮށްފައިވާކަމަށާއި ހުރިހާކަމެއް ރަނގަޅަށް ދާކަމުގައި ވަނީނަމަ ވަރަށް އަވަހަށް ޔުމްނުއަށް ތެދުވެވޭނެކަމަށް ގަބޫލުކުރެވޭކަމަށް އާއިލާއިން ވަނީ ބުނެފައެވެ.