
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި ހެލްތް މިނިސްޓްރީ ގުޅިގެންނެވެ. އެޗްޕީއޭއިން ބުނީ މި މަހުގެ 20 ވަނަ ދުވަހު ފެށުނު މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތަކާއި ލައުންޖުތަކަށް ކަމަށެވެ.
މީހުންނަށް ފެންނަގޮތަށް ދުންފަތުގެ ބާވަތްތައް ބަހައްޓާފައިވޭތޯއާއި ވޭޕް ބޭނުންކުރުމާއި، ވިއްކުންފަދަ ކަންކަންވެސް ބެލޭނެއެވެ. އޭސީކޮށްފައި ހުންނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެތަންތަން ދެނެގަނެ ފިޔަވަޅު އެޅޭނެކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތެކެވެ. ދުންފަތުން ރައްކާތެރި ޖީލެއް ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި ގަވާއިދު ތަންފީޒު ކުރުމަށް، ކަމާބެހޭ އިދާރާތައް ގުޅިގެން މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު، އެކަމުގައި ހަރަކާތްތެރިވާ ޓީމުތަކަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.