ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމެއިރު މުހައްމަދު މުއިއްޒު ވޭޕްކުރާ ކަމަށް މަންދީ ތުހުމަތުކޮށް ދެއްކި ވާހަކަތަކާ ގުޅިގެން، ފަސްޓްލޭޑީ ސާޖިދާ އަހުމަދު ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ދައުވާ އުފުލާފައެވެ. މިއަދު ބޭއްވުނު ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި އޮތީ ދައުވާ ކުރި ފަރާތުން ދައުވާ ހުށަހެޅުން ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
އަންނަ މަހުގެ 15 ވަނަ ދުވަހު ބޭއްވޭ އަޑުއެހުމުގައި މަންދީއަށް ދައުވާއަށް ޖަވާބުދާރީވެ ހެކި ހާމަކުރުމަށް ފުރުސަތު ދީފައިވާ ކަމަށް ކޯޓުން މައުލޫމާތު ދީފައިވެއެވެ. މި މައްސަލައަކީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާ މައްސަލައެއް ކަމަށްވެފައި، ކުރިއަށް އޮތް އަޑުއެހުންތަކަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދެއެވެ.