
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަކީ 8 ނޮވެންބަރު 2024 އިން ފެށިގެން ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމެއްކަމަށްވާތީ މި ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކަކުން ދަނީ އެދެމުންނެވެ.
"ހިޔާވަހި" ފައިނޭންސިން ސްކީމަށް ކުރިމަތިލާއިރު، ކުރެހުން ހުށަހެޅުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ވެސް މުއްތަލިބު މިފަހުން ވަނީ ވިދާޅުވިފަ އެވެ.
ލޯނުގެ ތަފުސީލް:
• ލޯނު ދޭނީ ފަސް ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި.
• ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ.
• ލޯނު ދޫކުރާނީ އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށް.
• ގެއެއް އިމާރާތްކުރަން ފަށައި ނުނިމި ހުރި ނަމަ އެ މަސައްކަތް ނިންމަން ވެސް ލޯނު ލިބޭނެ.
މި ސްކީމުގެ ދަށުން ތިން ގިންތިއަކަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާލޭގައި ނަމަ 6 މިލިއަން ރުފިޔާއާ ހަމައަށް، އާބަން ސެންޓަރުތަކުގައި 3 މިލިއަން ރުފިޔާއާ ހަމައަށް އަދި އެހެން ރަށްރަށުގައި 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ އެވެ.
އަލަށް ގެއެއް އިމާރާތްކުރަން ބޭނުންވާ އަދި ގެއެއް އިމާރާތްކުރަން ފަށައި މަސައްކަތް ނުނިމި ތިބި މީހުންނަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ހައުސިން މިނިސްޓްރީއާ އެކު، މި ފައިނޭންސް ސްކީމްގައި މަސައްކަތް ކުރަނީ ބީއެމްއެލްގެ އިތުރުން އެޗްޑީއެފްސީ އާއި އެމްއައިބީ އިންނެވެ.
ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދެމެހެއްޓެނިވި ތަރައްގީގެ ވިސްނުމުގެ ތެރެއިން ތިން ގިންތިއަކަށް ހިޔާވަހި ފައިލޭންސިންގެ ލޯނު ދޫކުރަން ވަނީ ހަމަޖެހިފަ އެވެ. އެއީ، މާލޭގައި ނަމަ ހަ މިލިއަން ރުފިޔާއާ ހަމައަށާއި އާބަން ސެންޓަރުތަކުގައި ތިން މިލިއަން ރުފިޔާ އަދި އެހެން ރަށްރަށުގައި އެއް މިލިއަން ރުފިޔާއާ ހަމައަށެވެ. އެއީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅޭ މީހަކަށް ވެސް ލޯނު ނެގޭނެ ފުރުސަތެކެވެ.