
ރައުދުގެ ބަންދަށް މިދޔަ ހުކުރުދުވަހު ޖެހި ފަސް ދުވަހުގެ މުއްދަތު ހަމަވުމުން މިއަދު ވަނީ ކޯޓުން އަލުން 10 ދުވަސް ބަންދަށް ޖަހާފައެވެ.
ކްރިމިނަލް ކޯޓުގައި ކޮންމެ ދުވަހަކު ވެސް ބަންދު މުއްދަތު ޖަހަން ކުރިއަށްގެންދާ އަޑުއެހުންތަކުގައި މައްސަލަ ނިމޭ ގޮތުގެ ހުލާސާ އާންމުކުރެއެވެ. އަދި އޭގެ ދެ ފަރާތުން ދެއްކި ވާހަކަތައްވެސް ހިމަނާފައި ހުރެއެވެ. އެހެންނަމަވެސް މިއަދުގެ ބަންދުގެ މަޖިލިހުގެ ހުލާސާ ކޯޓުން އާއްމުކޮށްފައެއް ނުވެއެވެ. ސަބަބަކީ އެ މަޖްލިސް ސިއްރުކޮށްދޭން ފުލުހުން އެދުންކަން ވަނީ އެނގިފައެވެ.
ރައުދަށް ޔުމްނު ވެއްޓުނުކަމާއި އެ ދެ ދެމީހުންގެ މެދުގައި އެރޭ މައްސަލަ ޖެހުނުކަން ފުރަތަމަ އާއްމުކޮށް އެނގުނީ ފުރަތަމަ ބޭއްވި ބަންދުގެ މަޖިލީހުގައި ފުލުހުން ދެއްކި ވާހަކަތަކުންނެވެ. އެހެންނަމަވެސް މި މައްސަލާގައި އޭގެ ކުރިން އެއީ ފުލުހުން ދައްކާފައިވާ ވާހަކަތަކެއް ނޫނެވެ.
ރައުދު ހައްޔަރުކުރުމާއި ހަމައަށްވެސް ފުލުހުން ބުނަމުން އައީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން ނެތްކަމަށެވެ. އަދި އެކަން ތަހުގީގަށް ޔަގީންކުރެވިފައިވާކަމަށެވެ.
ހ. މީޓާޒް ފުރަޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިމަހުގެ 18 ވަނަދުވަހުއެވެ. އެހެންނަމެވެސް އެރޭ އޭނާއާއި އެކު އުޅުނު އުމުރުން 21 އަހަރުގެ ޒިލާލް ފުލުހުން ހައްޔަރުކުރީ މި މައްސަލާގައި އާއްމުގެ ފާޑުކިޔުންތައް ބޮޑުވެގެން ހާދިސާ ހިނގިތާ 6 ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހުއެވެ.