ads
ރައީސް ސޯލިހު---ފޮޓޯ:ވަން އޮންލައިން
ރޯދަމަހަކީ އަނެކުންނަށް ދީލަތިވުމާއި އެހީ ފޯރުކޮށްދޭންވީ މަސް: ރައީސް
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ތިބެ ކުރިމަތިލާ މި ރަމަޟާން މަހަކީ ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް، މީހުންނަށް އެހީތެރިކަން ފޯރުވައި، އަޅައިލާ މައްސަރަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އެކަމަށް އިލްތިމާސްކުރެއްވީ 1441 ވަނަ އަހަރު ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ދެއްވެވި ހިތާބުގަ އެވެ.

އެކަމަށް އިލްތިމާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި މައްސަރުގައި އަޅުގަނޑުމެންގެ ކިބައިގައިވާ އިންސާނިއްޔަތުކަމުގެ މާތް ސިފަ ކުރިއަށް ނެރެ، ދުވަސްމީހުންނާއި ބަލި މީހުންނަށް ހެޔޮ ފޯރުވައި އުޅުމަށް އިސްކަންދިނުމަށްވެސް އެދިވަޑައިގަންނަވާފަ އެވެ.

އޭގެ އިތުރުން އެމަނިކުފާނު ވަނީ މި ބަރަކާތްތެރި މައްސަރު ފެށުމުގެ އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އިހުލާސްތެރި ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުވާފަ އެވެ. އަދި އެ މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމް އަހުންނާއި އުހުތުންނަށް ވެސް ވަނީ ފޮނުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި މިއަހަރުގެ ރަމަޟާން މަސް ބައްދަލުކުރި މި ދުވަސްވަރަކީ، މިއިން ޒަމާނެއްގައި ވެސް އިންސާނުން ތަޖުރިބާކޮށްފައި ނުވާފަދަ ވަރުގަދަ އިމްތިހާނަކާ ކުރިމަތިލާންޖެހިފައިވާ ދުވަސްވަރެއްގައިކަން ފާހަގަކުރައްވައި ކޯވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ދިރިއުޅުމުގެ އާންމު ހަރަކާތްތައް ކުރިޔަށް ގެންދިއުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. 

މި ހިތާމައިގެ ދަނޑިވަޅުގައިވެސް، ރަމަޟާން މަސް ބައްދަލުކުރި ކަމީ، މިކަމުން އަރައިގަތުމަށް اﷲ މެދުވެރިކޮށްދެއްވި މަތިވެރި ނަސީބެއް ކަމުގައި ދެކިވަޑައިގަންނަވާކަމަށާއި، އިސްލާމްދީންވެސް ބާރުއަޅަނީ، އީމާންތެރިކަން ވަރުގަދަކޮށް ކެތްތެރިވެ، ސަބަބުތަކުގައި ހިފުމާއެކު، ﷲގެ ހަޟްރަތުން މަދަދާއި ވާގިވެރިކަމަށް އެދުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން މިސްކިތްތައް ބަންދުކުރަން ޖެހިފައިވީނަމަވެސް ގޭގައި ތިބެގެންވެސް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކުރުމާއި ގުރުއާންކިޔެވުމާއި އަޅުކަންތައް ކުރުމުގައި ދެމި ތިބުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.

މުޅި ދުނިޔޭގެ އިގްތިސާދު ދަށްވުމުގެ ނަތީޖާ ރާއްޖެއަށްވެސް ކުރިމަތިވެފައިވާކަން ފާހަގަކުރައްވަމުން، ކުރިމަތިވެފައިމިވާ ދަތި ހާލަތުގައި، އަނެކުންގެ ހިތާމަތައް ފިލުވައިދީ، ދީލަތިވެ އެހީތެރިކަން ފޯރުވުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ތަވާބު ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައިވެސް ސަމާލުކަން ދޭންޖެހޭ ކަންތައްތައްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމަނިކުފާނުގެ ހިތާބު ނިންމަވާލައްވާފައި ވަނީ އެންމެނަށް މި މައްސަރުގެ މަތިވެރި ސަވާބާއި ދަރުމަ މިންވަރުކޮށްދެއްވުމަށާއި އަދި މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާ ދުއާ ދަންނަވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް