
ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި، ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ އައިޝަތު ޝިމަން އަހުމަދާއި އުމުރުން 28 އަހަރުގެ އަބްދުﷲ މަހްޒޫމް މާޖިދު އެވެ. މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ގަތީ އެއްވެސް އިންޒާރެ ދިނުމަކާ ނުލައިއެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ ފުލުހުން ދެ ޒުވާނުން ހައްޔަރުކުރީ އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރަމުންދަނިކޮށް ކަމަށެވެ.
އަދި ޒުވާނުން އެމީހުންގެ ހައްގުތައް ހޯދުމަށް އިހުތިޖާޖު ކުރާތަން ފެނުމަކީ ހިތްވަރު ލިބޭ ކަމެއްކަމަށާއި އެމީހުންގެ ހިތްވަރާއި އަޒުމަކީ އެކްޓިވިޒަމްގެ ބާރު ދައްކުވައިދޭ ކަމެއްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. މީގެއިތުރުން ހައްގުތަކުގެ ދިފާއުގައި ތެދުވެ ވަކާލާތު ކުރަން ހިތްވަރު ލިބޭ އަދި އެކަމަށް ބާރު އަޅާ ސަގާފަތެއް ބިނާ ކުރެވުމަކީ ލިބޭ ހިތްހަމަޖެހުމެއްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރޭގެ މުޒާހަރާގައި ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލުމަށް އިދިކޮޅު އެމްޑީޕީގެ އިތުރުން ދަ ޑިމޮކްރެޓްސްއާއި ސަރުކާރުގައި ބައިވެރިވާ އެމްޑީއޭއިން ވެސް ވަނީ ގޮވާލާފައެވެ.
ފުލުހުން ބުނީ ބާރުގެ ބޭނުންކޮށްގެން ރޭގެ މުޒާހަރާ ރޫޅާލީ މިއަދު އޯލެވެލް ހަދަން ކުދިން ދާންޖެހޭތީކަމަށެވެ.