
އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެެ.
މިއަދު ފާހަގަކުރާ ޕްރެސް ފްރީޑަމް ޑޭ އާއި ގުޅިގެން ރައީސް ޑރ މުއިއްޒު ވިދާޅުވީ މީޑިއާގެ މިނިވަންކަމާއި މުސްތަގިއްލުކަމާއި ޒިންމާދާރުކަން ދެމެހެއްޓުމުގެ އަޒުމުގައި ހުންނެވިކަމުގެ ޔަޤީންކަންދެއްވާކަމަށެވެ. އެގޮތުން، ނޫސްވެރިކަމުގެ އަހްލާގު ނަގަހައްޓައި، މުއުތަބަރު މައުލޫމާތު ދައުރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، އެމަނިކުފާނު މިނިވަން ނޫސްވެރިކަން ސިފަކުރައްވާފައި ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި، ދެފުށްފެންނަ އަދި ޖަވާބުދާރީކުރުވުމުގެ މާހައުލެއް ބިނާކުރުމަށް ލާޒިމު ކަމެއްގެ ގޮތުގައިކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ހިތްވަރުގަދަ އައު ދުނިޔެއެއްގައި ރިޕޯޓުކުރުން: މިނިވަން ނޫސްވެރިކަމަށާއި މީޑިއާއަށް އާޓިފިޝަލް އިންޓެލިޖަންސް އިން ފޯރާ އަސަރު،" މިއެވެ.
ރައީސް މުިއއްޒު ވިދާޅުވީ ދެފުށްފެންނަ ގޮތެއްގައި ބޭނުންކުރެވިއްޖެ ނަމަ، އޭ.އައި އަކީ މަޢުލޫމާތު ތަޙުލީލުކުރުން އޮޓޮމޭޓްކޮށް، އުފެއްދުންތައް ދުރަށް ފޯރުކޮށްދިނުމުގެ ހިދުމަތް އިތުރަށް ފުރިހަމަކޮށް، ދޮގުމައުލޫމާތާ ދެކޮޅަށް އަޑުއުފުލުމުގައިވެސް ބޭނުންކުރެވިދާނޭ އާލާތެއްކަމަށެވެ.
މީގެ އިތުރުން، މީޑިއާ ލިޓްރަސީ އިތުރުކޮށް، އޭ.އައި އުފެއްދުންތަކާމެދު ހޭލުންތެރިކަން އިތުރުކޮށް، ނޫސްވެރިކަމުގެ އަހްލާގާ އެއްއުއިވާނޭ ގޮތަށް އޭ.އައި ބޭނުންކުރުމަށް ހިތްވަރު ދިނުމުގައި، ޕްރެސް ފްރީޑަމް ކޯލިޝަން އާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތައް ފަދަ ގައުމީ އަދި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ކުރާ މަސައްކަތްތައްވެސް ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
އޭ.އައިގެ ޒަމާނުގެ ފުރުޞަތުތަކާއި ގޮންޖެހުންތަކާ ދުނިޔެ ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި ރައީސް ވަނީ، ޑިމޮކްރަސީގެ އެއް ތަނބު ކަމުގައިވާ ނޫސްވެރިކަމުގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ހިއްސާކުރާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.