
ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ވީހާވެސް އަވަހަށް ނިންމައިދެއްވުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ހުސެއިން ރިޒާ އާދަމްއަށް ފޯނުން ދަންނަވާފައިވާނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޖުޑީޝަރީގެ ކަންކަން އެއްވެސް ވަރަކަށް ނުބައްލަވާ ކަމަށެވެ. އެކަމަކު، މިހާރު ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ވީހާވެސް އަވަހަށް ނިންމަވައިދެއްވުމަށް ޖޭއެސްސީގެ ދެ މެންބަރަކަށް ފޯނުން ގުޅުއްވައި އެދިވަޑައިގެންނެވި ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޔާރުން ސަސްޕެންޑް ކުރީ، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި އޮއްވައި، މިދިޔަ ފެބްރުއަރީ މަހު އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް މަޖިލީހުން ބިލެއްވެސް ފާސްކުރި އެވެ. އެހެންނަމަވެސް އެ ބިލް ރައީސް ތަސްދީގު ނުކުރައްވައި ފަހުން ފޮނުވާލީ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި އެކި ނޫސްވެރިކަން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
- އިތުރަށް ކިޔާލަން: އަޒްމިރަލްދާއި މަހާޒުގެ ސަސްޕެންޝަން އުވާލަން އެމްޑީޕީން ގޮވާލައިފި
ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ މައްސަލައިގެ ޝަރީއަތަށް ހުރަސްއެޅޭ ގޮތަށް ސަސްޕެންޑު ކުރީ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ހުސްނުއްސޫދު އާއި މަހާޒް އަލީ ޒާހިރެވެ. އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ގެންދަނީ މަހާޒް އާއި އަޒްމިރާލްދާގެ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް، ބެންޗުގެ އަދަދު މަދުކޮށް, ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށް ގާނޫނީ ވަކީލުންނާއި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ, މާގަރެޓް ސެޓާތުވައިޓް މިފަހުން ވަނީ ވިދާޅުވެފަ އެވެ.