
ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ، މި ގާނޫނުގެ ބޭނުމަކީ "ޗެކް އެންޑް ބެލެންސް" ނިޒާމެއްގެ ތެރެއިން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށް ވަކިކުރުން ގެނައުން ކަމަށެވެ.
ސިޔާސީ މަގާމުތައް ގިނަވުމަކީ މިހާރު ވެސް ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށާއި، މިދިޔަ ސަރުކާރަށް ވުރެ މި ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަ ކަން ތަފާސްހިސާބުތަކުން ދައްކާކަން ފާހަގަކުރެވެއެވެ. ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ގާނޫނުއަސާސީ އަށާއި ގާނޫނުތަކަށް ގެންނަން ނިންމަވާފައިވާ އިތުރު އިސްލާހުތައް ވެސް ހާމަކުރައްވާފައެވެ.
ރައީސް މުއިއްޒު ހާމަކުރެއްވި އިސްލާހުތަކުގެ ތެރޭގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމާއި، ރިޔާސީ އިންތިހާބު ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކުރުމާއި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދު 93 އަށް ވުރެ އިތުރު ނުވާނެ ގޮތަށް ހެދުމާއި، އިންތިހާބީ މަގާމުތަކުގައި ތިބޭ މީހުން ރިކޯލް ވޯޓަކުން ވަކިކުރެވޭނެ ނިޒާމެއް ހެދުމާއި އަދި އަތޮޅު ކައުންސިލްތައް އުވައިލުން ހިމެނެއެވެ. މި އަހަރު 30 ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.