
މި ހުކުމް އިއްވާފައިވަނީ ލ. ގަން ތުނޑި، ހުރަވީގޭ މާތިއު މުހައްމަދު ޝަކީބުގެ މައްޗަށެވެ.
މާތިއުގެ މައްޗަށް ކުރި ދައުވާގައިވާ ގޮތުން، 2022 ވަނަ އަހަރު މާލޭ ކުޑަހެންވޭރު ދަނޑު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އޭނާ ދާން އުޅުމުގެ ތެރޭގައި ފުލުހުން ފެނިގެން ބިރުގަނެ، ސައިކަލަށް ނާރައި ދާން އުޅުނެވެ. މިކަމުން ޝައްކު އުފެދިގެން ފުލުހުން ބަލައިފާސްކުރިއިރު ސައިކަލުގެ ކުރީ ކަވަރު ތެރެއަށް ޖަހާފައި ހުރި ނުވަ އިންޗީގެ ވަޅިއެއް ފެނުނެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ މަގުބޫލު ސަބަބެއް ނެތި، ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާންމު ތަނެއްގައި ގެންގުޅެގެންނެވެ.
މި މައްސަލައިގައި މާތިއުވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެ އެއްބަސްވުމުގައި ކަނޑައެޅޭ އަދަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެއް މަހާއި 20 ދުވަހަށް ޖަލަށްލުމަށެވެ. މިއީ އޭނާ ބަންދުގައި ހުރި މުއްދަތު ޖަލު ހުކުމުން އުނިކުރުމުން ބާކީ އޮތް މުއްދަތެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ، މުހައްމަދު މިސްބާހް ހުކުމް ކުރެއްވީ އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތަށް އެއް މަހާއި 20 ދުވަހަށް މާތިއު ޖަލަށް ލުމަށެވެ.