
މި ނިންމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އަމީނީ މަގުގައި ހުންނަ ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ ހިމެނޭ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވެއެވެ. އެ ހާދިސާގައި ޖެހިގެން ހުރި ގްރީން ބިލްޑިންގ އަށްވެސް ގެއްލުން ވެފައިވެއެވެ. އެ އިމާރާތަކީ އެންވަޔަރަމަންޓް މިނިސްޓްރީއާއި އީޕީއޭ ހިންގަމުން އައި އިމާރާތެވެ. މި ވުޒާރާތަކުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ ދަރުބާރުގޭގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ބިމުގައި އަޅާ މަލްޓިޕާޕަސް ކޮންޕްލެކްސްގައި އޮފީސް ބައިތަކާއި އެހެނިހެން ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަށް ތަރައްގީ ކުރެވޭނެ ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް އަވަހަށް ކޮންސެޕްޓާއި ޑީޓެއިލް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.