
ދައުލަތުގެ މީޑިއާގެ ހަބަރު ޗެނަލް "ޕީއެސްއެމް ނިއުސް" ގެ 8ވަނަ އަހަރީ ދުވަހުގެ "ޕީއެސްއެމް އެވޯޑް 2025" ޝަރަފުވެރިކޮށްދެއްވަމުން އައްބާސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 15 ގަޑިއިރަށް ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމަކީ ތާރީހީ ބައްދަލުވުމެއްކަމަށެވެ. އަދި ރައްޔިތުންނަށް ކަންކަން ސާފުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅަކީ، އެންމެންވެސް އެކަމުން ނަމޫނާ ލިބިގަނެ، ތަބާވާންޖެހޭފަދަ މަސައްކަތްޕުޅެއްކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
"އެމަނިކުފާނު ދެއްކެވި ނަމޫނާއަކީ އެކަމަށް ތަބާވާންޖެހޭ ކަމެއް. ހަބަރާ، ކަންކަން ހިނގަމުންދާގޮތް ސާފުކޮށް އޮޅުންފިލުވައިދިނުމުގައި ކޮންމެ މަސްއޫލުމީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް. އެކަން ހާމަކޮށްދެއްވަމުން އެގެންދެވީ. މިއީ ތާރީހީ ބައްދަލުވުމެއް" ކަމަށް އައްބާސް ވިދާޅުވިއެވެ.
އައްބާސް އިބްރާހިމް ވިދާޅުވީ ދިވެހިންގެ ތެރޭގައި ދިވެހި ނޫން ގޮތްތަކާއި ސިފަތައް ފެތުރެމުންދާއިރު، އަނބުރާ ދިވެހިންގެ ރީތި ސަގާފަތާއި އާދަކާދަތައް އަށަގެންނެވުމުގައި ނޫސްވެރިންގެ ދައުރު ވަރަށް ބޮޑަށް ފުޅާކުރަންޖެހިފައިވާކަމަށެވެ. ގައުމިއްޔަތާއި، ސަގާފަތް އަދި އާދަކާދަތައް ދިރުވުމުގައި ނޫސްވެރިންގެ ޒިންމާ އަދާކުރުމަށް މިހާރަށްވުރެ ފަރުވާތެރިކަން ދިނުމަށް އައްބާސް ނަސޭހަތްތެރިވެވަޑައިގަތެވެ. އަދި ޕީއެސްއެމް ނިއުސްގެ ކޮންމެ ހަބަރު ގަޑިއަކީ އެ ހަބަރުތަކަކަށް ރައްޔިތުން އުންމީދުގައި ތިބޭ ހަބަރުތަކެއްކަމަށް ވިދާޅުވެ، ޕީއެސްއެމް ނިއުސްއިން ރައްޔިތުންނާ ހަމައަށް ހަބަރާ މައުލޫމާތު ފޯރުކޮށްދިނުމުގައި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ނިއުސްޓީމަށް ހިތްވަރުދެއްވިއެވެ.