
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މިއަހަރުގެ ޝިއާރަކީ "އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" އެވެ. މި ޝިއާރުން އަލިއަޅުވާލަނީ ކުދިންނަށް އުފާވެރި ހަޔާތަކާއި ދުޅަހެޔޮ ކުރިމަގެއް ހޯދައިދިނުމުގައި މައިންބަފައިން ކުދިންނާއެކު ހޭދަކުރާ އުފާވެރި ވަގުތާއި، މައިންބަފައިންނާއި ކުދިންނާ ދެމެދު އޮންނަ ހަރުދަނާ ގުޅުމުގެ މުހިންމުކަމަށެވެ.
މި ވަގުތުތަކަކީ ކުދިންނަށް ލޯބި، އަޅާލުން އަދި ސަމާލުކަން ލިބޭ ވަގުތުތަކެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި "އުފާވެރި ގުޅުން" އަކީ މައިންބަފައިން އެކަކު އަނެކަކާ ދެމެދު އޮންނަ ގުޅުމާއި، ދަރިންނާއި މައިންބަފައިންގެ ދެމެދުގައި އޮންނަ ހަރުދަނާ ލޮބުވެތި ގުޅުން ކަމަށް ބުނެފައިވެއެވެ. މި ގުޅުމުގެ ތެރެއިން ކުދިންނަށް ލިބެނީ އަޅާލުމާއި، އެހީތެރިކަމާއި، މަޝްވަރާއާއި، ހިތްވަރު ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އުފާވެރި ވަގުތާއި އުފާވެރި ގުޅުމުގެ ނަތީޖާއަކީ އުފާވެރި ކުދިންތަކެއް ބިނާވެގެން ދިޔުމެވެ. މި ދެކަމުގެ ސަބަބުން ކުދިންނަކީ އިތުބާރު ހުރި، އަމިއްލަ ނަފްސަށް ޔަގީންކަން އޮތް، އުފާވެރި ދަރިންނަށް ވެގެންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މިނިސްޓްރީން ކަނޑައަޅާފައިވާ މި ޝިއާރުން ކުދިންގެ ތަރުބިއްޔަތާ ބެހޭގޮތުން ވަރަށް މުހިންމު ހަގީގަތެއް ހާމަކޮށްދޭ ކަމަށް ފާހަގަކޮށްފައިވެއެވެ.