ads
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ނޫސްވެރިކަމަށް އޭއައި އިންގިލާބީ ބަދަލެއް ގެނެސްފި: މީޑިއާ ކައުންސިލްގެ ރައީސް
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހުސައިން ސަގީފް ދެއްވި ހިތާބުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ނޫސްވެރިކަމަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވައިފިއެވެ.
Advertisement

މިއަހަރުގެ ނޫސްވެރިކަމުގެ ދުވަހުގެ ޝިއާރަކީ "ފަންނިއްޔާތުގެ ނުފޫޒު ގަދަ ޒަމާނެއްގައި ހަބަރުފެތުރުން: ނޫސްވެރިކަމުގެ މިނިވަންކަމަށާއި މީޑިއާއަށް މަސްނޫއީ ތޫނުފިލިކަމުން ކުރާ އަސަރު" ކަމަށްވާއިރު، އޭއައި ގެ ސަބަބުން ނޫސްވެރިކަން ކުރާ ގޮތަށް ބަދަލުތަކެއް އަންނަމުންދާކަން މީޑިއާ ކައުންސިލްގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީޑިއާ ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި، އޭއައި ގެ ސަބަބުން ތަހުގީގީ ރިޕޯޓް އުފެއްދުމާއި، ކޮންޓެންޓް އެކުލަވާލުމާއި ހަގީގަތް ހޯދާ ބެލުން ފަދަ ނޫސްވެރިކަމުގެ މުހިންމު މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބި، ފަސޭހަތަކެއް ލިބެމުންދެއެވެ. އޭގެ އިތުރުން ނޫސްވެރިންގެ މަސައްކަތް އަވަސްވެ، ޑޭޓާ ޖާނަލިޒަމްގެ ފެންވަރު ރަނގަޅުވެ، ނޫސްވެރިން ތަފާތު ދާއިރާތަކަށް އިތުރަށް ލޯހުޅުވާލަދެމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

ނަމަވެސް މި ފަސޭހަތަކާއި ކުރިއެރުންތަކާއެކު އޭއައި ގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ނުރައްކާތައް ވެސް މަދެއް ނޫންކަން އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.

މީޑިއާ ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، އޭއައި ގެ އެހީގައި ބައެއް ފަހަރު ދޮގު މައުލޫމާތާއި ހަބަރު ތައްޔާރުކޮށްދޭކަމާއި، ޑީޕްފޭކް ޓެކްނޮލޮޖީއާއި ނޫސްވެރިންނަށް ކުރިމަތިވާ ސާވޭލަންސްގެ ނުރައްކާ ވެސް ކުޑައެއް ނޫނެވެ. އަދި މީޑިއާގެ ވިޔަފާރި މޮޑެލްއަށް ބަލާއިރު، ނޫސްވެރިކަމުގައި އޭއައި ގެ ދައުރު ފުޅާވެއްޖެނަމަ، ނޫސްވެރިޔާ ކުރާ މަސައްކަތަށް ހަމައަގު ނުލިބުމަކީ އެކަށީގެންވާ ކަމެއްކަން ވެސް ފާހަގަކުރެއްވިއެވެ. 

ނޫސްވެރިކަމުގެ ދުވަސް ފާހަގަކުރަމުން، ފަލަސްތީނުގައި ހިނގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ވާހަކަތައް ގެނެސްދޭ ހިތްވަރުގަދަ ނޫސްވެރިންނާއި ފަލަސްތީނުގެ ރައްޔިތުންގެ މަތިން ހަނދާން އާކުރަންވާނެކަމަށް ވެސް މީޑިއާ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް