
މިއީ "އިމިގްރޭޝަން ވޮޗް" އޮންލައިން ޕްލެޓްފޯމަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކުރެވުނު ހައްޔަރުކުރުމެކެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކް ފޯސްއިން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެ މާލޭގެ ހީނާމާގެ ޕާކިން ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި 11 ބިދޭސީން ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މިގޮތަށް ގެނެވޭ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ވެސް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ. އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.