
މި އަހަރު ނިމޭއިރު ވާދޫއަކީ މުޅިން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ރަށަކަށް ބަދަލުކުރުމަށް ވަނީ ރޭވިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ، ވާދޫއަކީ މޮޑެލް ރަށެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގެ ހުރިހާ ކަމަކަށް ސޯލާ ޕަވަރ ބޭނުންކުރާ ގޮތަށް ހެދުމަށް ނިންމާފައިވާ ކަމަށެވެ. މި މަޝްރޫއު ފުރަތަމަ އިއުލާންކުރެއްވީ މިދިޔަ ޖެނުއަރީ މަހު ވާދޫއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރައީސް ވިދާޅުވިގޮތުގައި، 600 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ވާދޫގައި މި މަޝްރޫއު ފެށުމަށް، މިހާރު އޮތީ ބަޔަކާ ހަވާލުކުރުމުގެ މަރުހަލާގައެވެ.
ރާއްޖެއިން ތެލަށް ބާރޯސާވާ މިންވަރު ކުޑަކުރުމަށް، 2028 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސަންޓަކީ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. މި އަމާޒަށް ވާސިލުވުމަށް މާލެ ސަރަހައްދުގައި ވެސް "ފްލޯޓިން ސޯލާ" ޕްރޮޖެކްޓެއް ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި ޕްރޮޖެކްޓުގެ ދަށުން 100-150 މެގަވޮޓްގެ ހަކަތަ އިރުގެ އަލިން އުފައްދާނެއެވެ.