
މިދިޔަ މަހު މާލޭގައި ހުންނަ ގުދަނެއްގެ ފުރާޅުމަތިން ފެނުނު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުގެ ކަރު ބިދިފައިވާކަން މީގެ ކުރިންވަނީ ހާމަވެފައެވެ.
ޔުމްނުގެ އާއިލީ މެންބަރަކު އެކްސްގައި މިރޭ ބުނީ ޔުމްނު އަދިވެސް އައިސީޔޫގައި އޮތް ނަމަވެސް މިހާރު ސްޓޭބަލް ކަމަށެވެ. އަދި ޔުމްނުގެ ހޭ އަރައިފި ކަމަށްވެސް ބުނެފައިވެއެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ވަނީ ޔުމްނުގެ ކަރުގެ ސާޖަރީއެއް ހަދާފައެވެ. މިއީ ވަރަށް ނުރައްކާތެރި ސާޖަރީއެއް ކަމަށާއި، ނަމަވެސް ސާޖަރީ ކާމިޔާބުވެފައިވާކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފައިވެއެވެ.
ޔުމްނުގެ ކަރު ބިނދުމުގެ އިތުރުން، އުކުޅުވަޅާއި، ފަލަ މަސްގަނޑަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި އެނާގެ މޭގެ ކަށިތައްވެސް ވަނީ ބިނދިފައެވެ.
ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ ބަންދަށް ކޯޓުން ބުދަ ދުވަހު ވަނީ އިތުރު 10 ދުވަސް ޖަހާފައެވެ. މީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.
ޔުމްމު ވެއްޓުނު މައްސަލައިގައި، އޭނާގެ ތަހުގީގު ފުރިހަމަށްއަށް ނުގެންދާކަމަށް ބުނެ ޒުވަނުންގެ ގިނަ ބަޔަކު އަންނަނީ ކޮންމެ ރެއަކަކު މޭލޭ ހެންވޭރުގައި ހުންނަ ފުލުހުންގެ އިދާރާ ކުރިމައްޗަށް އެއްވެ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާތައް ކުރިއަށް ދަނިކޮށް މި މައްސަލައިގައި އަމަލުކޮށްފައިވާގޮތް ބަލައި، މުޅި މައްސަލަ ތަހުގީގުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދާފައެވެ.
މި މައްސަލައިގައި ތަހުގީގުކުރަން އެފްބީއައި ފަދަ ބޭރުގެ ތަހުގީގީ އިދާރާއެއްގެ އެހީތެރިކަން ހޯދުމަށް ކޮމިޝަނުން އަންނަނީ ވާހަކަދައްކަމުންނެވެ.