
މިދިޔަ މަހު 18 ވަނަދުވަހު މާލޭގައި ހުންނަ ގުދަނެއްގެ ފުރާޅުމަތިން ފެނުނު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އަންނަނީ މެލޭޝިޔާގައި ފަރުވާ ހޯދަމުންނެވެ. އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔައީ މިދިޔަ މަހު 26ގައެވެ.
ހާދިސާއަށް 17 ދުވަސްފަހުން މިހާރު ޔުމްނު ހޭ އަރާފައިވާކަން އާއިލާއިން މިއަދު ވަނީ ބުނެފައެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން މައުލޫމާތު ދެމުން އަންނަ އޭނާ ޅިޔަނު މުހައްމަދު މުއުމިން 'އެކްސް'ގައި ވަނީ މިރޭ ބުނީ ޔުމްނު ހޭ އެރި ނަމަވެސް އަދިވެސް ބޮޑު ޝޮކެއްގައި ވާކަށެވެ. އަދި އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައިކަމަށް މުއުމިން ބުންޏެވެ.
މުއުމިން ބުނީ އަންނަ ބުރާސްފަތި ދުވަހު ޔުމްނުގެ އިތުރު ސާޖަރީތަކެއް ހެދުމަށް ނިންމާފައިވާކަމަށެވެ. އޭގެތެރޭގައި ކަނދުރާގެ ސާޖަރީއަކަށް އުނަގަނޑު ސިދާކުރަން ހަދަންޖެހޭ ސާޖަރީއެއް ހިމެނޭކަމަށް މުއުމިން ވަނީ ބުނެފައެވެ.
ފުލުހުން ފުރަތަމަ ބުނަމުން އައީ ޔުމްނު އިމާރާތުން ވެއްޓުނީ އަމިއްލައަށްކަން ތަހުގީގަށް ޔަގީންވެފައިވާކަމަށެވެ. އެހެންނަމަވެސް ފަހުން ފުލުހުން ވަނީ ޔުމްނު ވެއްޓުނު ރޭ އޭނާއާއި އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ޔުމްނު ވެއްޓުމުގައި ބައިވެރިވުމެއް އޮތްކަމަށް ބުނެ ހައްޔަރުކޮށްފައެވެ. އަދި ފުލުހުން އޭނާ ހައްޔަރުކުރީ ތަހުގީގަށް އެއްބާރުލުން ނުދޭކަމަށް ބުނެއެވެ.
ރައުދު އަހުމަދު ޒިލާލްގެ ބަންދަށް ކޯޓުން މިދިޔަ ބުދަ ދުވަހު ވަނީ އިތުރު 10 ދުވަސް ޖަހާފައެވެ. މީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.
ޔުމްމު ވެއްޓުނު މައްސަލައިގައި، އޭނާގެ ތަހުގީގު ފުރިހަމަށްއަށް ނުގެންދާކަމަށް ބުނެ ޒުވަނުންގެ ގިނަ ބަޔަކު އަންނަނީ ކޮންމެ ރެއަކަކު މޭލޭ ހެންވޭރުގައި ހުންނަ ފުލުހުންގެ އިދާރާ ކުރިމައްޗަށް އެއްވެ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާތައް ކުރިއަށް ދަނިކޮށް މި މައްސަލައިގައި އަމަލުކޮށްފައިވާގޮތް ބަލައި، މުޅި މައްސަލަ ތަހުގީގުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދާފައެވެ.