ads
ޗައިނާގެ އައު ސަފީރު ރައީސް މުއިއްޒު އަށް މަގާމުގެ ފަތްކޮޅު އަރުވަނީ --- ފޮޓޯ: ރައީސް އޮފީސް
ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް، ރައީސަށް ފަތްކޮޅު އަރުވައިފި
ޗައިނާއިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު، ކޮންގް ޝިއަންހުއާ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އަރުވައިފި އެވެ.
Advertisement

ޗައިނާގެ އާ ސަފީރުގެ މަގާމުގެ ފަތްކޮޅު ރައީސަށް އެރުވީ އެކަމަށްޓަކާ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުއްގަ އެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ރައީސް ވަނީ ސަފީރަށް ދިވެހިރާއްޖެއަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ސަފީރު ކޮންގް ވަނީ ހާރިޖީ ވަޒީރު ހަލީލު އާވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ވެސް ދެ ގައުމުގެ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާ ކުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ޗައިނާއިން ސަފީރުން އައްޔަންކުރަނީ ތިން އަހަރުގެ މުއްދަތަކަށެވެ. މީގެކުރިން ޗައިނާއަށް ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު، ވާންގް ލީޖިން އެނބުރި ގައުމަށް ވަޑައިގެންނެވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އާ ސަފީރު ކޮންގް މީގެ ކުރިން އަދާކުރެއްވީ މުމްބާއީގައި ހުންނަވާ ޗައިނާގެ ކައުންސިލާ ޖެނެރަލްގެ މަގާމެވެ. އެ މަގާމުގައި އޭނާ ތިން އަހަރު ހޭދަކުރެއްވި އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް