
އިންސްޓަގްރާމްގައި "އެސްތެޓިކް.އަލީ" ގެ ނަމުގައި ޕޯސްޓްކޮށްފައިވާ މެސެޖުތަކުގައި ބުނެފައިވަނީ އޭނާގެ ކޮއްކޮއަށް ދެ މީހަކު ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުއްޖާގެ މަންމަގެ ފިރިމީހާއާއި އަނެއް ފަރާތަކީ ޖެންޑާ މިނިސްޓްރީގައި މަސައްކަތްކުރާ އޭނާގެ ދައްތަގެ ފިރިމީހާ ކަމަށް ބުނެފައިވެއެވެ. މި މައްސަލަ ހާމަކުރުމުން އޭނާއަށް އާއިލާގެ ފަރާތުން މަރުގެ އިންޒާރު ދީފައިވާ ކަމަށް ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާ ވަނީ ޖެންޑާ މިނިސްޓްރީގައި މަސައްކަތްކުރާ އޭނާގެ ދައްތަ ވަޒީފާއިން ވަކިކުރުމަށް އެދި ޕެޓިޝަނެއް ތައްޔާރުކޮށް، ނ. މަނަދޫގެ ރައްޔިތުންގެ ސޮއި ހޯދުމަށް މަސައްކަތް ފަށާފައެވެ.
އޭނާ ބުނީ މި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވީނަމަވެސް، ކޮރަޕްޝަނާއި އާއިލާގެ ނުފޫޒުގެ ސަބަބުން މައްސަލަ ލަސްވަމުންދާ ކަމަށެވެ. އަދި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި އަނިޔާވެރިންނާއި އެމީހުންނަށް އެހީތެރިވާ ފަރާތްތައް ޒިންމާދާރުކުރުވުމަށް މަސައްކަތްކުރުމަށް އެންމެންނަށް ގޮވާލާފައިވެއެވެ.