
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުން ރަށްރަށުގައި ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވަނީ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން ކަމަށެވެ.
މިނިސްޓަރު ޝަފީއު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ސްކޫލްތަކުގެ މަޝްރޫއުތައް ހުއްޓި ކޮންޓްރެކްޓަރުންނަށް ފައިސާ ނުދީ 280 މިލިޔަން ރުފިޔާގެ ދަރަނި އޮތެވެ. އެމްޑީޕީ ސަރުކާރުން ނުދައްކާ އޮތް ފައިސާގެ ތެރެއިން 17 މިލިޔަން ރުފިޔާ ފިޔަވައި އެހެން ހުރިހާ ފައިސާއެއް މިހާރު ވާނީ ދައްކާ ހަލާސްކޮށްފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ސްކޫލްތަކުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ލަސްވާނަމަ، ކުންފުނި ޓާމިނޭޓްކޮށް، މަސައްކަތް އެހެން ފަރާތަކާ ހަވާލުކޮށްގެން ވެސް ކުރިއަށް ގެންދާނެ ކަމަށް ޝަފީއު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ ދާއިރާތަކުގެ ސްކޫލް ޕްރޮޖެކްޓުތައް މިހާރު ވަނީ ނިމިފައެވެ. އަދި ކުލާސްރޫމްތައް ފިނިކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަތޮޅުތަކުގެ ރަށްރަށުގެ ސްކޫލްތަކުގެ އިމާރާތްތައް ދުވަސްވުމާއި ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް، ސްކޫލްތަކަށް ޖާގަ އިތުރުކުރުމުގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް ހިނގަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ސްކޫލްތަކާއި ޔުނިވާސިޓީތައް ތަރައްގީކުރުމަށް 499 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.