
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި އެމްއައިއެފްސީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާއިދު ވިދާޅުވީ ފާއިތުވެދިޔަ އަހަރު ރާއްޖޭގެ ޖީޑީޕީ އަކީ 5.1 ޕަސަންޓު ނަމަވެސް، މި އަހަރު ޖީޑީޕީ 6.4 ޕަސަންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ސާއިދު ވިދާޅުވީ ދިވެހީންނަކީ ބަދަލުވުމުގެ ހުނަރު ހުރި ބައެއް ކަމަށާއި، އޭގެ ސަބަބުން ދުނިޔޭގެ ޓޫރިޒަމްގެ ދާއިރާއަށް ރާއްޖެ ތަޢާރަފްވިތާ 50 އަހަރު ވެފައިވާއިރު، އެކަމުގެ ސަބަބުން މުޅި އިގްތިސާދު ބަދަލުވެގެން ގޮސްފައިވާ ކަމަށެވެ. އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ އެހީއާއެކު ގާއިމްކުރެވިގެންދާ ފައިނޭންޝަލް ސެންޓަރުގެ ސަބަބުން ދުނިޔޭގެ އިންވެސްޓަރުންގެ ނަޒަރުގައި ވަރުގަދަ އިގްތިސާދެއްގެ ގޮތުގައި ރާއްޖެ ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ސާއިދު ވިދާޅުވިއެވެ.
ހުޅުމާލޭ "އާބަން އައިލް" ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި އެމްއައިއެފްސީގެ ރަމްޒީ ބިންގާ އިފްތިތާހުކޮށްދެއްވީ ފިނޭންސް އެންޑް ޕްލޭނިންގ މިނިސްޓަރު މޫސާ ޒަމީރު އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްގެ ރައީސް ޝެއިކް ނާއިފް ބިން އީދު އަލް ތާނީއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒާއި ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.