
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޒިޔާދު ފާހަގަކުރެއްވި ގޮތުގައި އުތުރު ޒޯން (ހއ.، ހދ. އަދި ށ.)ގައި އާރުޓީއެލް ދަތުރުކުރާ 13 ލޯންޗުގެ ތެރެއިން އަށް ލޯންޗެއް ހަލާކުވެ މަރާމާތަށް ގެންގޮސްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ގިނަ ދަތުރުތައް ކެންސަލްވާ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ އާރުޓީއެލް ފެރީތަކަކީ ވަކި ފެންވަރެއްގައި، ވަކި ސަޕްލަޔަރެއްގެ އަތުން ގަނެފައިވާ އުޅަނދުތަކަކަށް ވާތީ އެ ލޯންތަކުގައި މައްސަލައެއް ދިމާވުމުން މަރާމާތުކުރަން ވަގުތު ނަގާ ކަމަށެވެ. އަދި ކުރީ ސަރުކާރުން އެ ހިދުމަތް ފަށާފައި ވަނީ މައްސަލައެއް ޖެހިއްޖެ ނަމަ، ދަތުރުތައް ކުރަން ބެކަޕް ލޯންޗްތަކެއް ބާއްވައިގެން ނޫން ކަމަށް ވެސް ވިދާޅުވިއެވެ. "އެހެންވުމުން ލޯންޗަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ އޭގެ ބަދަލުގައި ބޭނުން ކުރާނޭ އުޅަނދެއް ނޯވޭ. ބެކަޕް އުޅަނދެއް ނެތީމާ މި މައްސަލަ މި ދިމާވަނީ. މަރާމާތަށް ވަގުތުވެސް ނަގަނީ" މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ އާރުޓީއެލް ފެރީއަށް ހިނގާ ހަރަދުގެ 80 ޕަސަންޓު ސަރުކާރުން ސަބްސިޑައިޒް ކުރަން ޖެހޭ ކަމަށާއި، އެއީ ދައުލަތަށް ވަރަށް ބޮޑު ބުރައެއްކަމަށެވެ. އާރުޓީއެލްގެ ހިދުމަތް ފެށި ފުރަތަމަ އަހަރު ސަބްސިޑީގެ ގޮތުގައި ސަރުކާރުން 48 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި، މިދިޔަ އަހަރު 130 މިލިއަން ރުފިޔާ ހޭދަކުރި ކަމަށާއި މި އަހަރު ނިމޭއިރު އެ އަދަދު 280 މިލިއަން ރުފިޔާ އިން މައްޗަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ހުރި ގޮންޖެހުންތަކާ އެކު ވެސް އާރްޓީއެލް ފެރީގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރަން މިސަރުކާރުން މަސައްކަތް ކުރައްވާ ކަމަށާއި، މިހާރު މަސައްކަތްކުރަނީ ސަބްސިޑީ ލެވަލް 55 ޕަސަންޓަށް ކުޑަކޮށް، ރިކަވަރީ 45 ޕަސަންޓު ހައްލުކުރެވޭނެ މޮޑިއުލްއަކަށް ގެންދިޔުމަށް ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.