
މެޓް އޮފީހުގެ އޮފިޝަލަކު ބުނީ މިހާރު ރާއްޖެއަށް ކުރަމުންދަނީ ދެ މޫސުން ބަދަލުވާ ދުވަސްވަރު ކުރާ ވިއްސާރައެއް ކަމަށެވެ. އިރުވާ މޫސުން ނިމި ހުޅަނގު މޫސުން ފެށުމާއެކު ކުރާ މި ވިއްސާރަ މިއަދާއި މާދަމާއާ ހަމައަށް ދެމިގެންދާނެކަމަށް ލަފާކުރެވޭ ކަމަށް އެ އޮފިޝަލް ބުނެފައިވެއެވެ.
މިއަދު މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ރ. އަތޮޅުގެ ރަށްތަކުން ފެށިގެން އދ. އަތޮޅުގެ ރަށްތަކަށް ހެނދުނު 6:30 އިން 11:30 އާ ހަމައަށް ޔެލޯ އެލާޓް ނެރުނެެވެ އަދި ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައިވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ. އުތުރުން ފެށިގެން މެދު ރާއްޖެތެރެއަށްވެސް ވައިޓް އެލާޓް ވެސް ނެރުނެވެ.
މިހެންކަމުން މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިރުޝާދު ދީފައިވެއެވެ.