
އުމުރުން 21 އަހަރުގެ ހައްވާ ޔުމުނު ވެއްޓުނުތާ ހަފްތާއެއް ފަހު އެ މައްސަލަ ތަހުގީގުކުރަން ހާއްސަ ކޮމިޝަނެއް އުފެއްދއެވިއިރު، އެ ކޮމިޝަނަށް ފަހުންވަނީ ބަދަލުތަކެއްވެސް ގެންނަވާފައެވެ.
އެ ކޮމިޝަންގެ މަސައްކަތް މިހާރު ރަސްމީކޮށް ފަށައިގެން ކުރިއަށްދާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޮމިޝަނުންވަނީ އެ ހާދިސާ ހިނގި ތަނަށް މި ހަފްތާތެރޭ ގޮސް، އެތަނުގެ ކަންކަން ހުރި ގޮތް ބަލައި އޮޅުންފިލުވަން ފަށާފައެވެ. މި ކޮމިޝަނުގެ މެންބަރުންގެ މަސައްކަތްތަކަށް އެހީތެރިވުމަށް ކަމާގުޅުން ހުރި އިދާރާތަކުގެ ތަޖުރިބާކާރު ޓީމެއްވެސްވަނީ އެކުލަވާލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާ ހިނގިތަނަށް ގޮސް އެތަނުގެ ކަންކަން ހުރި ނެތްގޮތް ބެލުމުގެ އިތުރުން މައްސަލައާ ގުޅިގެން ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރަންވެސް ކޮމިޝަނުންވަނީ މިހާރު ފަށާފައެވެ.
ފަސް މެންބަރުންގެ މައްޗަށް މިހާރު އެކުލެވޭ މި ކޮމިޝަންގެ ބޭނުނަމަކީ މި ދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދުންކަމަށް ރައީސް މުއިއްޒު ނެރުއްވި ގަރާރުގައިވެއެވެ.
މީގެއިތުރުން އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކުރުމަށްކަމުގައި ރައީސްގެ ގަރާރުގައިވެއެވެ.
މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތައް
- ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ހަބީރުންގެ އެހީތެރިކަން ހޯދުން؛
- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކުރާ، ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
- ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން
- ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫން ވެސް މައުލޫމާތު ހޯދުން.