
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމަ ހިނގަމުންދާއިރު އެމެރިކާގެ އިތުރުން ދުނިޔޭގެ އެތައް ގައުމަކުންވެސް ހަނގުރާމަ ހުއްޓާލުމަށް މި ދެ ގައުމަށް ބާރުއަޅާފަ އެވެ. ހަނގުރާމަ ހުއްޓާލުމަކީ ދެކުނު އޭޝިއާގެ ވާދަވެރި ގައުމުތަކުގެ މެދުގައި ޑިޕްލޮމެޓިކް ގޮތުން ލިބުނު ބޮޑު ކުރިއެރުމެކެވެ.
ނަމަވެސް އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އޭއެފްޕީން ބުނީ މިއީ އިންޑިއާ އާއި ޕާކިސްތާނުން ސީދާ ގޮތެއްގައި ކުރި މަޝްވަރާތަކުގެ ނަތީޖާ ކަމަށެވެ.
އެގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިންޑިއާ އާއި ޕާކިސްތާނުން މިއަދު ވަނީ ބަޑިޖެހުން ހުއްޓުވުމާއި އަސްކަރީ ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވާލާފަ އެވެ."
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު، ޖިއޯ ޓީވީއަށް ވިދާޅުވީ ހަމަލާތައް ހުއްޓާލަން އިންޑިއާއާ އެކު ވީ އެއްބަސްވުމަކީ ފުރިހަމަ އެއްބަސްވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ މިގޮތަށް އެއްބަސްވީ "ރަނގަޅު އަންޑަސްޓޭންޑިން" އެއްގެ ތެރޭގައި ކަމަށާއި މިހާރު ދެ ގައުމުގެ އަސްކަރީ ހޮޓްލައިންތައް މެދުވެރިކޮށް މުއާސަލާތު ވެސް ކުރާނެ ކަމަށެވެ.
އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައި ވަނީ އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުގެ ތެރޭގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ފަތުރުވެރިންތަކެއް މަރާލުމާ ގުޅިގެން އަވަށްޓެރި ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ކަޝްމީރުގައި އާންމުންގެ 26 މީހަކު މަރާލި ހަމަލާގެ ޒިންމާ ޕާކިސްތާނުން އުފުލަންޖެހޭ ކަމަށް ބުނެ އިންޑިއާއިން އިސްވެ ޕާކިސްތާނަށް ދެ ފަހަރެއްގެ މަތިން ހަމަލާ ދިނުމުން ރޭ ޕާކިސްތާނުން ވަނީ އިންޑިއާގެ އަސްކަރީ އެކި އަމާޒުތަކަށް ވަރުގަދަ ރައްދު ހަމަލާ ދީފަ އެވެ. ރޭ ދެ ގައުމުން ވެސް ހަމަލާ ދިނީ އެއްބަޔަކު އަނެއް ބައެއްގެ އަސްކަރީ އަމާޒުތަކަށެވެ.
އިންޑިއާއިން ބުނީ ޕާކިސްތާނުގެ އަސްކަރީ ތަންތަނަށް ހަމަލާދިނީ އިންޑިއާއިން ދިން ހަމަލާގައި ޓެރަރިސްޓު ހަރަކާތްތައް ހިންގާ މީހުންގެ މަރުކަޒުތަކަށް އެކަނި ހަމަލާދީފައި ވަނިކޮށް ޕާކިސްތާނުން އަސްކަރީ ތަންތަނަށް ހަމަލާ ދިނުމުން ކަމަށެވެ. ނަމަވެސް ޕާކިސްތާނުން ބުނެފައިވަނީ ހަމަލާތައް އަމާޒުވީ އާންމުންނަށް ކަމަށެވެ.
ރިޕޯޓްތައް މިހާރު ބުނާގޮތުން ހަމަލާތައް ހުއްޓާލަން ދެގައުމުވެސް ބޭނުންވެ އެވެ. ހަނގުރާމަ ކޮށްގެން އެއްވެސް ފައިދާއެއް ހާސިލް ކުރުމަކީ ދެގައުމުންކުރެ އެއް ގައުމަކަށްވެސް ކުރެވޭނެ ކަމެއް ނޫންކަން ދެގައުމުވެސް ގަބޫލުކުރެ އެވެ. އެއީ އެއްވެސް ގައުމެއް އަސްކަރީ ގޮތުން ބަލިކޮށްލުމުގެ ގާބިލްކަން އަނެއްގައުމުގައި ނެތުމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ދެގައުމުގެ މަސްރަހު އިތުރަށް ފިނިކޮށް މުސްތަގްބަލްގައިވެސް ހަމަލާތައް ފެށުނަ ނުދިނުމަށްޓަކައާ އަދި ދެގައުމުގެ ދެމެދުގައި އަލުން އިތުބާރު އުފެއްދުމަށްޓަކައި އިންޑިއާއާއި ޕާކިސްތާނުގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރުންގެ ބައްދަލުވުމެއް ބޭއްވުމަށް ޕާކިސްތާނު އެދުމުން އިންޑިއާ ވަނީ އެކަމަށް އެއްބަސްވެފަ އެވެ.
މިދިޔަ ބުދަ ދުވަހު އިންޑިއާއިން ހަމަލާދޭން ފެށުމާ އެކު މަސްރަހު ހޫނުވެ ރައްދު ދޭން ފެށި ފަހުން މިހާތަނަށް ދެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 60 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.