
ހ. މީޓާޒް ފުރަޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 18 ވަނަދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި 10 ދުވަހު ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މެލޭޝިޔާއަށް ގެންދިޔައީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
ޔުމްނުގެ އާއިލާއިން ބުނީ މިދިޔަ ހުކުރު ދުވަހު އޭނާގެ އިތުރު ސާޖަރީއެއް ހަދާފައިވާކަމަށެވެ. ޔުމްނުގެ ހަދާފައިވަނީ އުޅަނބޮށީގެ ސާޖަރީއެކެވެ. ޔުމްނުގެ އާއިލާއިން ބުނީ ޔުމްނުގެ އުޅަނބޮށީގެ ސާޖަރީ ހެދިނަމަވެސް އެއީ ދާއިމީ ގެއްލުމެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެެވެ.
ޔުމްނުގެ އިތުރު ސާޖަރީތަކެއްވެސް މީގެ ކުރިން ވަނީ ހަދާފައެވެ. އޭގެތެރޭގައި ކަނދުރާ ބިންދައިގެން ގޮސްފައިވުމުން ނުރައްކާތެރި ސާޖަރީއެއްވެސް ވަނީ ހަދާފައެވެ.އެއީ ޔުމްނުގެ އެންމެ ނާޒުކު އެއް ސާޖަރީކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އޭގެއިތުރުން އުނގަނޑު އެލައިން ކުރުމަށްވެސް ވަނީ ސާޖަރީއެއް ހަދާފައެވެ.
ޔުމްނު ހޭ އެރުމަށްފަހު ފުރަތަމަ ފަހަރަށް ވާހަކަ ދެއްކުން އޭނާގެ އާއިލާއިން ވަނީ ޔުމްނު ދެއްކި ބައެއް ވާހަކަތައް މީޑިއާ ހިއްސާކޮށްފައެވެ. އެގޮތުން އަމިއްލަށް ވެއްޓުނީ ނޫންކަމަށް ޔުމްނު ބުނިކަމަށް އޭނާގެ ދައްތަ ވަނީ ބުނެފައެވެ. އަދި ޔުމްނު ވެއްޓުނު ރޭ އެތަނުގައި ރައުދު ޒިލާލް ގެ އިތުރުން ޖުމްލަ ހަތަރު މީހުން ތިބިކަމަށް ޔުމްނުގެ އާއިލާއިން ވަނީ ޔުމްނާއި ހަވާލާދީ ބުނެފައެވެ.