
ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުއިއްޒު ހާއްސަ ރިޔާސީ ކޮމިޝަނެއް އުފެއްދެވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އޭރު ކޮމިޝަންގައި ހިމެނި ތިން މެމްބަރުންގެ ތެރެއިން ޑރ. މުހައްމަދު ހަބީބް ކޮމިޝަނުން އިސްތިއުފާދެއްވުމުން އަލުން ކޮމިޝަނަށް ބަދަލު ގެންނަވާ ޖެހިގެން އައި ދުވަހު އެކުލަވާލިއެވެ.
ކޮމިޝަނުންގެ ރަސްމީ އެކްސް އެކައުންޓުން އަންނަނީ އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތެއް ހާމަކުރަމުންނެވެ. އެގޮތުން ކޮމިޝަނުން މިއަދު ބުނީ ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށްފައިވާކަމަށެެވެ. އަދި އެ ހާދިސާ ގުޅުންހުރި އިދާރާތަކުގެ ކަމާބެހޭ މުވައްޒަފުންނާ ބައްދަލުކޮށް މައްސަލައާ ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ސާފުކުރަން މިހާރު ފަށާފައިވާކަމަށެވެ.
ރިޔާސީ ކޮމިޝަނުން އިއްޔެ ވަނީ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅުނު މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ޕޯޓަލެއް ހަދާ އެ ފުރުސަތު ހުޅުވާލާފައެވެ. އަދި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށައަޅަން ބޭނުންވާ މީހުން ކޮމިޝަނަށް ގޮސް މައުލޫމާތު ދެވޭނެކަމަށްވެސް ވަނީ ބުނެފައެވެ. އަދި ކޮމިޝަނަށް ގޮސްގެން މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ މައުލޫމާތު ސިއްރުކުރާނެކަަމަށްވެސް ރިޔާސީ ކޮމިޝަނުން ވަނީ ބުނެފައެވެ.
ޔުމްނު ވެއްޓުނު ހާދިސާ ރިޔާސީ ކޮމިޝަނުން ބަލަމުން އަންނައިރު އެ މައްސަލަ ފުލުހުންވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.