
ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައި ފޮނުވާފައި އޮތް ރިޕޯޓު ދިރާސާ ކުރުމުގެ ކޮމިޓީ ސިއްރު ކުރަން ނިންމީ މަގުބޫލު އުޒުރެއް ނުދައްކައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
އެ މައްސަލަ ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީ ސިއްރު ކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެވެ. އެ ކޮމިޓީ ސިއްރު ކުރަން ފާސްކުރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީގެ ހުރިހާ މެންބަރުންގެ ތާއީދާއެކު އެވެ.
އެ ކޮމިޓީ ސިއްރު ކުރުމާ ދެކޮޅު ހެއްދެވީ ޖުޑީޝަރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ދެ މެންބަރުން، އިބްރާހިމް ނާޒިލް އާއި މައުރޫފް ޒާކިރު އެވެ. އެ ކޮމިޓީ ސިއްރު ކުރަން ނިންމުމާއެކު އެ ދެ މެންބަރުން ވަނީ ކޮމިޓީ ދޫކޮށް ނުކުމެވަޑައިގެންފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރަށް ދިފާއީ ހައްގުތައް ފުރިހަމަ ގޮތުގައި ދީފައި ނެތް ނަމަ، ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބޭރުކުރަން ކޮމަންވެލްތުގައި ހިމެނޭ ގާނޫނީ ވަކީލުންގެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.