
މި ޓޯނަމަންޓަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުނު އީސްޕޯޓްސް ޓޯނަމަންޓް ކަމަށްވާއިރު، ރާއްޖޭގެ 10 ރިސޯޓަކުން 16 ޓީމު ވަނީ މި ޓޯނަމަންޓުގައި ބައިވެރިވެފައެވެ.
މި ޓޯނަމަންޓުގައި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ގޭމުން ޗެމްޕިއަންކަން ހޯދި ޖޯލި ބީންގް 2 އަށް 5,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނެވެ. އަދި ރަނަރ-އަޕް ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އަށް 3,000 ރުފިޔާ އަދި ތިންވަނަ ޖޯލި ބީންގް އަށް 2,000 ރުފިޔާ ލިބުނެވެ. ޕަބްޖީ މޯބައިލް ގޭމުން ޗެމްޕިއަންކަން ހޯދި ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް އަށް 5,000 ރުފިޔާ، ރަނަރ-އަޕް ނިޔަމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އަށް 3,000 ރުފިޔާ އަދި ތިންވަނަ ސަމަރ އައިލަންޑް މޯލްޑިވްސް އަށް 2,000 ރުފިޔާ ލިބުނެވެ.
މުޅިން އޮންލައިންކޮށް ބޭއްވުނު މި ޓޯނަމަންޓުގެ މަގުސަދަކީ ރާއްޖޭގައި މިހާރު އުފެދިފައިވާ އީސްޕޯޓްސް ކޮމިއުނިޓީ ބާރުވެރިކޮށް، ވާދަވެރިކަމާއި އެކުވެރިކަމާއެކު ގޭމް ކުޅެ މި ދާއިރާގައި ކުރިއަށްދެވޭނެ މާހައުލެއް ގާއިމުކޮށްދިނުމެވެ. އުރީދޫ ނޭޝަނުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ހިސާބުގައި އުފެދިފައިވާ އިސްޕޯޓްސް ކުޅުންތެރިން އެއް ޕްލެޓްފޯމަކަށް ގެނެސް، ރާއްޖެއާއި ރާއްޖޭން ބޭރުގައި ވާދަކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވާދިނުމަށެވެ.