ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، އަންނަ މަހު ފަހެއްގައި ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ލަންކާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ހައިވަކަރު ގަސްތައް، މީހުން ދިރިއުޅޭ ކޮންމެ ރަށަކަށާއި ރިސޯޓަކަށް ހަދިޔާކުރާނެ ކަމަށެވެ.
މިނިސްޓަރު ތޯރިގް މި މައުލޫމާތު ހާމަކުރެއްވީ އަލަށް ހަދަމުން އަންނަ ރޯޒްވުޑް ރަންފަރު ރިސޯޓުގައި 1.4 މިލިއަން ގަސް އިންދުމުގެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އަދި ދުނިޔޭގެ ތިމާވެށީގެ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތެއް ބާއްވާނެ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.