
މި ނެޓްވޯކުގައި އިމިގްރޭޝަން އޮފިސަރުންނާއި ދިވެހިންގެ ބަޔަކު ބައިވެރިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ހައްޔަރުކުރެވުނު ބިދޭސީއަކީ ފޮޅައި ސާފުކުރުމުގެ މަސައްކަތަށް ރާއްޖެ ގެނެސްފައިވާ ޝަހާދަތު ހުސެއިން ކަމަށާއި، އޭނާ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އުޅެމުން އައީ ހަތަރު ވޯކް ޕާމިޓުގައި ކަމަށް ފުލުހުން ބުނެފިއެވެ. ޝަހާދަތު 2019 ވަނަ އަހަރު މާލެ އައިސް ބީއެމްއެލްގައި ހަ އެކައުންޓު ހުޅުވި ކަމަށާއި، އޮކްޓޫބަރު 2019 އިން ފެށިގެން ޑިސެމްބަރު 2024 ވަނަ އަހަރާ ހަމައަށް އޭނާގެ އެކައުންޓުތަކަށް އަށް މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޖަމާވެ، ދައުރުވެފައިވެއެވެ.
ޝަހާދަތުގެ ލެޕްޓޮޕާއި ފޯނުން އެކްސްޕެޓް ސިސްޓަމުގެ 574 އެކައުންޓެއްގެ ލޮގިން މައުލޫމާތު ފެނިފައިވާ ކަމަށާއި، އޭގެ ތެރޭގައި އަމިއްލަ މީހުންގެ ވިޔަފާރިތަކުގެ 153 އެކައުންޓާއި، ޕްރައިވެޓް ކުންފުނިތަކުގެ 283 އެކައުންޓު ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ. މި ނެޓްވޯކުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދާއި އިމިގްރޭޝަންގެ އިތުރު ހަތަރު މުވައްޒަފަކު ބައިވެރިވާ ކަމަށް ތުހުމަތުކުރެވި، އެ ފަރާތްތައް ވެސް ވަނީ ހައްޔަރުކޮށްފައެވެ.