ads
އޮފިސަރަކު ވޯޓު ފޮއްޓެއް ހިފައިގެން
ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ނުބޭއްވުމަށް ހުށަހެޅި އިސްލާހާ އެމްޑީޕީން ދެކޮޅު
ކައުންސިލެއްގެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ނުބޭއްވުމަށް ސަރުކާރުން ހުށަހެޅި އިސްލާހާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކައިފި އެވެ.
Advertisement

ކައުންސިލްތަކުގެ ދައުރުގެ ބާކީ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ، ހުސްވާ މަގާމުތަކަށް ބައި-އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް ސަރުކާރުގެ ފަރާތުން ހޯރަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަލީ މޫސާ ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވި އެވެ. ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ މަގްސަދުގައި ކަމަށް ބުނެ ހުށަހެޅި އެ ބިލު 58 މެންބަރެއްގެ ވޯޓުން މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. ދެކޮޅަށް އެމްޑީޕީގެ ނުވަ މެންބަރަކު ވޯޓު ދިން އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އެ ބިލު ސިފަ ކުރެއްވީ "ތާކުންތާކު ނުޖެހޭ" ބިލެއްގެ ގޮތުގަ އެވެ. ހަރަދުކުރުމަށް ކަމަށް ބުނެ މި ބަދަލު ގެންނަ އިރު، ކައުންސިލްތަކަށް ވަކި މިނިސްޓްރީއެއް ހަދައި، އެތަނުގައި 80 އަށް މަތިން ސިޔާސީ މަގާމު އުފައްދާފައިވާ ކަމަށް ބުނެ އެއީ ބޭކާރު ހަރަދަކަށް ނުވޭތޯ އޭނާ ސުވާލު އުފެއްދެވި އެވެ. ކައުންސިލެއްގެ ގޮނޑިއެއް ހުސްވުމުން ދޮޅު އަހަރުގެ "ދިގު މުއްދަތަކަށް" ހަރަދު ކުޑަ ކުރާށޭ ބުނެ، އެ ގޮނޑިއަކަށް މީހަކު އިންތިހާބު ނުކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ނާޒިލް ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދުދީދީ ވިދާޅުވީ އައްޑޫ ސިޓީގައި އޭނާ ރިޕްރެޒެންޓް ކުރާ ދާއިރާގައި އިންނަނީ އެންމެ ކައުންސިލަރެއް ކަމަށާއި، ދިމާވާ ހާލަތަކުން އެ ކައުންސިލަރު އިސްތިއުފާ ދެއްވާ ހާލަތުގައި ނުވަތަ މަގާމު ގެއްލޭ ހާލަތުގައި ދޮޅު އަހަރު ވަންދެން އޭނާގެ ދާއިރާގެ ރައްޔިތުންގެ ރެޕްރެޒެންޓޭޝަން އައްޑޫ ސިޓީ ކައުންސިލްގައި ނޯންނާނެ ކަމަށެވެ. އަދި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވިދާޅުވީ ލާމަރުކަޒީ ގާނޫނު މި ސަރުކާރު އައި ފަހުން ތިން ފަހަރު އިސްލާހުކޮށްފައިވާތީ ކަންބޮޑުވާ ކަމަށެވެ. ދައުލަތުގެ އެހެން ހަރަދުތައް އިންތިހާއަށް ބޮޑުކަން ފާހަގަ ކުރައްވައި އަމީން ވިދާޅުވީ ރަށްރަށުގެ މަޝްރޫއޫތައް ވެސް ހުރީ ހުއްޓިފައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް