
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ، ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް, ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވަނީ ވިދާޅުވެފައެވެ.
ދެ ފަނޑިޔާރުން ވަކިކުރަން ނިންމި މައްސަލަ ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީއަށް ފިލްޒާ ދެއްވި ލަފާގައި ވިދާޅުވެފައި ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީ އިން ބަލަން ފެށީ ގާނޫނުގައި ބަޔާން ކުރާ އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށްކަމަށެވެ.
މިކަމާއި ގުޅިގެން މީޑިއާގައި ވާހަކަ ދައްކަވަމުން ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެޑާއިގަންނަވާ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ވިދާޅުވީ ފިލްޒާ އެގޮތަށް ލަފާދެއްވިނަމަވެސް ކޮމެޓީން ދެކެނީ އެގޮތަށް ނޫންކަމަށެވެ.
ހުސްނީ މުބާރިކް ވިދާޅުވީ ފިލްޒާ ދެއްވި ލަފަޔަކީ އެ ކަމަނާއަށް ގާނޫނު މާނަ ކުރެވޭ ގޮތް ކަމަށެވެ. އަދި ޖޭއެސްސީން މައްސަލަ ބަލަން ފެށިއިރު އިޖުރާއަތާ ހިލާފުވެފައިވާ ކަމަށް ފިލްޒާ ވިދާޅުވި ނަމަވެސް ކޮމިޓީން ބެލިބެލުމުން، ޖޭއެސްސީންމ މައްސަލަ ބަލާފައިވަނީ އިޖުރާއަރާ އެއްގޮތަށްކަން އެނގުނުކަމަށް ހުސްނީ މުވާރިކް ވިދާޅުވިއެވެ.
ފަނޑިޔާރު، ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރަން މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ. އެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި މި ވަނީ ކޮމަންވެލްތުގެ ލޯ އެސޯސިއޭޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއިން ވެސް އެކަަށް ކުށްވެރިކޮށްފައި ވަނިކޮށެވެ.