
މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، ކުލި ނުދައްކާ އެތައް އަހަރެއް ވެފައިވާ ފަރާތްތަކުން ކުލީގެ މުއްދަތު އިތުރުކުރުމަށް އެދި ކައުންސިލަށް އަންނަ ކަމަށެވެ.
މޭޔަރު އާޒިމް ވިދާޅުވީ މާލެ އާއި ވިލިމާލޭގައި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކަރަންޓާއި ފެން ބިލްތަކަށް ނުދައްކާ ހުރި އަދަދު 2.5 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މީގެ ތެރޭގައި މާލޭގައި ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ ކަރަންޓް ބިލަށް ނުދައްކާ ހުރި 723،000 ރުފިޔާ އާއި ވިލިމާލެއިން ދޫކޮށްފައި ހުރި ތަންތަނުގެ ކަރަންޓު ބިލަށް ނުދައްކާ ހުރި 172،000 ރުފިޔާ ހިމެނެއެވެ. އަދި މާލެއިން ދޫކޮށްފައި ހުރި ތަންތަނުން ފެން ބިލްތަކަށް ނުދައްކާ ހުރި 309،000 ރުފިޔާ އާއި ވިލިމާލޭގައި ދޫކޮށްފައި ހުރި ތަންތަނުން ފެން ބިލްތަކަށް ނުދައްކާ ހުރި 1.3 މިލިއަން ރުފިޔާ ހިމެނެއެވެ.
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު ސައިފް ފާތިހް (އައިކޮ) ކަންބޮޑުވުން ފާޅުކުރެއްވީ ކައުންސިލުން ކުއްޔަށް ދޭ ތަންތަނާއި އެތަންތަން ކުއްޔަށް ނަގާ މީހުންގެ މައުލޫމާތު ނުލިބޭތީ އާއި އާންމު ނުކުރާތީއެވެ. އޭނާ ވިދާޅުވީ ކައުންސިލް މެމްބަރުކަމުގައި އުޅުއްވި ހަތަރު އަހަރު ތެރޭގައި ވެސް ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތަން ނޭނގޭ ކަމަށެވެ. މޭޔަރު އާޒިމް ވިދާޅުވީ މީގެ ކުރިން ހުރީ އެ ކަންކަން އެއްވެސް ވަރަކަށް ނުބަލައި ދޫކޮށްލާފައި ކަމަށާއި، މިހާރު ކުއްޔާއި ފެން ބިލާއި ކަރަންޓް ބިލު ނުދައްކާ ހުރި ތަންތަން ފާހަގަކޮށް، އެ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.