
މިހާރު ކައުންސިލްތަކުގައި އަންހެނުންގެ ނިސްބަތް 33 ޕަސަންޓުގައި އޮތްއިރު، އެ ނިސްބަތް 40 ޕަސަންޓަށް އިތުރުކުރުމަށް ރައީސް މުއިއްޒު ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ގާނޫނުއަސާސީއަށް ހުށަހަޅުއްވަން ގަސްދުކުރައްވާ އިސްލާހުތަކާ ގުޅޭގޮތުން މިއަދު ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުވުމާއި ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމުގެ ގޮތުން، އަންހެން ކައުންސިލަރުންގެ ނިސްބަތް އިތުރުކުރުމަކީ ވަރަށް މުހިންމު ބަދަލެއް ކަމަށެވެ. ހާއްސަކޮށް އާބާދީ ބޮޑެތި ރަށްރަށުގައި މި ބަދަލުގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ހުށަހަޅުއްވާ އިސްލާހުތަކުގެ ތެރޭގައި ރިކޯލް ވޯޓުގެ ނިޒާމެއް ތައާރަފުކުރުމާއި، ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓް ހޭދަކުރާ ގޮތް ބެލޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. ރައީސް މުއިއްޒު ވިދާޅުވީ، މި އިސްލާހުތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށް ސަރުކާރުން އިސްނަގައިގެން ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ.