
މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސަޢޫދީ ސަރުކާރުން ނިންމަވާފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ރާއްޖެއަށް އައީ "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ހިދުމަތް ދެއްވުމުގެ މަސައްކަތުގެ އެޑްވާންސް ޓީމު ކަމަށެވެ. އެ ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މިނިސްޓްރީގެ އޮފިޝަލުން ކަމަށް ބުންޏެވެ.
މަތީ ފަންތީގެ އެ ވަފުދުގައި ސައުދީގެ ހައްޖު މިނިސްޓްރީގެ ބޭފުޅުންނާއި ސައުދީގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސައުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާބެހޭ އެހެން މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ "މައްކާ ރޫޓު އިނީޝިއޭޓިވް" ރާއްޖޭގައި ތަންފީޒުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އެ ޓީމުގެ ބޭފުޅުން ކުރައްވާނެ ކަމަށެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ހައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ހާއްސަ ސަމާލުކަމެއް ދެއްްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެއްކަން މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނީޝިއޭޓިވް އެކެވެ. މި މަޝްރޫއުގެ މަގުސަދަކީ ހައްޖުވެރިންނަށް ލުއި ފަސޭހަކޮށް ދިނުމެވެ.
ރާއްޖެއަކީ މި އިނީޝިއޭޓިވްގައި ހިމެނި 8 ވަނަ ގައުމެވެ. އެހެންވެ، މިއީ ދިވެހި ހައްޖުވެރިންނަށް ލިބުނު ތާރީހީ ބޮޑު ފަސޭހައެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ސިފަކޮށްފައިވެ އެވެ.
ރާއްޖެއިން ހައްޖަށް ދާ މީހުން މި މަހުގެ 26 ގައި ފުރަން ފަށާއިރު ހަތަރު ފްލައިޓެއްގައި ހައްޖާޖީން މައްކާ އަށް ދާނެ އެވެ.
އެއީ ސައުދީ އަރަބިއާގެ ސައުދިއާގެ ދެ ފްލައިޓެއް އަދި މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ. އެންމެ ފަހު ފްލައިޓުގައި ފުރާ ހާޖީން ފުރާނީ މި މަހުގެ 30ގަ އެވެ.
ކަލަންޑަރުގައި ވާގޮތުން މި އަހަރުގެ ހައްޖު ދުވަސް ވާނީ އަންނަ މަހުގެ 5 ވަނަ ދުވަހަށެވެ.