
ނަޒީފު މިހެން ވިދާޅުވީ ސީއެންއެމް އިން ގެނެސްދޭ "ނޭޝަން ޓޯކް" ޕޮޓްކާސްޓު ގައި ވާހަކަ ދައްކަވަމުންނެވެ.
"ސީއެންއެމް" އިން އަންނަނީ ދައުލަތް ނުވަތަ ސަރުކާރު ހިންގުމަށް މިހާރުއޮތް އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ހޯދުމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުން ނެވެ.
"ނޭޝަން ޓޯކް"ގެ 18 ވަނަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޒީފު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއާޕޯޓްތައް ހެދުމަކީ މައްސަލައެއް ނޫން ކަމަށާއި އަދި ދަތުރުފަތުރުގެ ނިޒާމަށް ވެސް އެއީ މުހިންމު މަސައްކަތެއް ކަމަށާއި އެހެން ނަމަވެސް އެއާޕޯޓްތައް ހެދެނީ ދުރު މުސްތަގުބަލުގެ ތަރައްގީގެ ޕްލޭނެއް އޮވެގެން ނޫން ކަމަށެވެ.
ނަޒީފް ވިދާޅުވީ ޔަގީންވާ ކަމަކީ މިހާރު ހުރި ބައެއް އިންވެސްޓްމަންޓްތައް ކުރިއަށް އޮތްތަނުގައި ބޭކާރު ވާނެ ކަމަށާއި ބައެއް ބަދަރުތައް ބޭކާރުވެ އެތަންތަން ރިސޯޓަކަށް ލިބިގެން ދާނެ ކަމަށެވެ. ނަޒީފް ވިދާޅުވީ މިހާރު އާބާދީގެ ޓްރެންޑް ހުރިގޮތުން ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި މީހުން ނޫޅޭނެ ކަމަށެވެ.
ނަޒީފު އިތުރަށް ވިދާޅުވީ ސަރުކާރުތަކުގެ ވިސްނުން އަދި ވެސް ހުރީ ވަސީލަތްތައް އެއްތަނަކަށް ޖަމާކުރުން ކަމަށާއި ލެގެސީ އަކަށް ކުރާކަމަކީ ތަންތަން ހިއްކުން ކަމަށެވެ. ނަޒީފް ވިދާޅުވީ ސަރަހައްދީ ތަރައްގީއަށް ގޮސް ރާއްޖޭގައި ހުރި ރިސޯސްތަކަކީ ކޮބާކަން ދެނެގަނެވެން ޖެހޭ ކަމަށާއި އަދި ކޮންތާކު ހުރީ ކޮންވަސީލަތެއްތޯ ބަލާ މިހުރިހާ ވާހަކަތަކެއް އެއް މޭޒަކަށް ގެނެސް ފުޅާ ދާއިރާއެއްގައި އިލްމީ ބަހުސް ކުރުން މުހިންމު ވެއްޖެ ކަމަށެވެ.
ނަޒީފް ވިދާޅުވީ ދެންވާންވީ ގޮން އޭރަށް އިނގެމުން ދާނެ ކަމަށާއި ވިސްރާބު ޖަހަންވީ ދިމާ ސާފުވާނެ ކަމަށެވެ. އަދި ތަރައްގީގެ ދުރު ރާސްތާ އަށް ވިސްނާއިރު މިހާރުއޮތް "އެތުރުން" ބަދަލުވާން ޖެހޭ ކަމަށާއި ސަބަބަކީ މިހާރު އަތޮޅުތައް އަތުރާފަ އޮތީ ތަރައްގީއަށް ފަހި ގޮތަށް ނޫން ކަމަށެވެ.