
ރިޕޯޓްތައް ބުނާ ގޮތުން ކޮމިޝަނަރުންނާ މެދު ހިތްހަމަނުޖެހިގެން ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލައި މިއަދުވަނީ ގެއަށް ގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މުވައްޒަފުން ގެއަށް ދިޔައީ، ބޭއިންސާފުން ކަންތައް ކުރާތީ ކަމަށް ބުނެ އެވެ. މުވައްޒަފުންތަކެއް ގެއަށް މިއަދު މިދިޔައީ، ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ އިއްޔެ ސަސްޕެންޑްކޮށްފައިވަނިކޮށެވެ.
ރިޕޯޓްތައް ބުނާ ގޮތުން 25 މުވައްޒަފުން ތިބި ކޮމިޝަނުން، ސަލާމުގައި ތިބި މީހުން ނުލައި 10 މުވައްޒަފަކު މިއަދު ގެއަށްދިޔައެވެ. އޭގެ ތެރޭގައި އެ ކޮމިޝަނުގައި ވަރަށް ގިނަ ދުވަސްވީ ސީނިއަރ މުވައްޒަފުންވެސް ހިމެނެއެވެ.
ބްރޯޑްކޮމްގެ އެސްޖީ އިއްޔެ އިން ފެށިގެން ތިން ދުވަހަށް ސަސްޕެންޑުކުރީ ވަރަށް ގިނަ ސަބަބުތަކާ ގުޅިގެން ކަމަށް ވެ އެވެ. އޭގެ ތެރޭގައި ކޮމިޝަންގެ ނިންމުންތަކަށް ހުރަސް އެޅުމާއި މެމްބަރުންނަށް އިހުތިރާމް ނުކުރުން ފަދަ ސުލޫކީ މައްސަލަތަކެއް ހިމެނޭ ކަމަށް ބްރޯޑްކޮމްގެ މެމްބަރަކު ވިދާޅުވި އެވެ.