
މިކަން ކުރުމުގެ ކުރިން ކޮންމެ މީހެއްގެ ކިބައިން މުޖުތަމަޢަށް ކުރިމަތިވެދާނެ ނުރައްކަލަށް ރިޢާޔަތްކޮށް އެސެސްމަންޓެއް ހަދާނެކަންވެސް ޕީޖީ އޮފީހުން ހާމަކޮށްފިއެވެ.
މިއީ "ވާނުވާ ބަންދު" ގައި ތިބޭ މީހުންގެ ހައްގުގައި ވަކާލާތުކުރާ ފަރާތްތަކުން މި މަހުގެ ހަތްވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކޮށް ހުށަހެޅި ކަންކަމަށް ބިނާކޮށް ޕީޖީ އޮފީހުން އަޅަން ނިންމި ފިޔަވަޅެކެވެ. ބަންދަށް ލުއި ދިނުމުގެ ކުރިން ފުލުހުންނާއި ކަރެކްޝަންސްއިން އެސެސްމަންޓެއް ހަދާނެކަމަށާއި އެ އެސެސްމަންޓްގައި ބަންދަށް ލުއި ދެވޭ މީހުން މޮނިޓަކުރުމަށް ފެންނަ މިންވަރު ބަޔާންކުރާނެކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ބަންދަށް ލުއި ދެވޭނީ ގިނަވެގެން 100 ދުވަހަށްކަމަށާއި ކޮންމެ 100 ދުވަހަކުން އެއްފަހަރު ކޯޓަށް ހުށަހަޅައިގެން ބަންދު މުރާޖާކުރެވޭނެކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކަނޑައަޅާފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެނަމަ ވަގުތުން އެމީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެކަމަށްވެސް ޕީޖީ އޮފީހުން ބުނެފިއެވެ.