
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް ކަމަށެވެ. އެ އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ހިމާޔަތްކޮށް ދަމަހައްޓައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު އަދި ހިތްގައިމު، އެންމެ މުއްސަނދި ގުދުރަތީ ނިޒާމަކީ ރާއްޖޭގެ ރަށްތަކާއި ގުޅިފައިވާ މުރަކައިގެ ފަރުތަކެވެ. އެގޮތުން ރާއްޖޭގެ މުރަކައާއި ފަރުތަކުގެ ނިޒާމު 8900 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ހިއްސާކުރާއިރު، މިއީ ދުނިޔޭގެ މުރަކައާއި ފަރުތަކުގެ 5 އިންސައްތަ އެވެ. ދުނިޔޭގެ ނިސްބަތުންވެސް 7 ވަނަ އަށް އެންމެ ބޮޑު މުރަކައާއި ފަރުތަކުގެ ނިޒާމު އޮތީ ރާއްޖޭގަ އެވެ.
ބަޔޯޑައިވާސިޓީ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ގުދުރަތީ މާހައުލާއި ދެމެހެއްޓެނިވި ތަރައްގީގެ ގުޅުން" އެވެ.
އިންޑިއާގެ ކަނޑުގެ މެދުގައިވާ ރާއްޖެއަކީ، ހާއްސަކޮށް ކަނޑުގެ ދިރުންތަކުން މުއްސަނދި ގައުމެކެވެ. ފަރުތަކާއި މޫދުގައި އުޅޭ އެކި ބާވަތުގެ މަސްތަކާއި ވެލަ އާއި ބޮޑުމަހާއި މަޑި އާއި އަދިވެސް އެކި ބާވަތުގެ ދިރުންތަކަކީ ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އަންގައިދޭ މުހިންމު ދިރުންތަކެވެ.