
މި ތިން ރަށުގައި ބޭވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން އޭޓީއެމްގެ ހިދުމަތް ފަށްޓަވައިދެއްވާފައި ވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. ރަސްމިއްޔާތުތަކުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި ރަށު ކައުންސިލް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ތިން ރަށުގައި ވެސް ގާއިމްކޮށްފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭ ސެލްސް ސާވިސް އޭޓީއެމް އެކެވެ. އޭޓިއެމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރައްޔިތުންނާ ގާތުން އަސާސީ ޚިދުމަތްތައް ދެއްވުމަކީ ރައީސް މުއިއްޒުގެ ވައުދެއް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓިގެން ދިއުމަކީ ވައުދުފުއްދަވަމުން ގެންދަވާކަން ހާމަކޮށްދޭ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގެ ހިދުމަތް ފެށުމުގެ ގޮތުން މި ބުރުގައި 10 ރަށެއްގައި ހިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މުޅި ރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް އިފްތިތާހުކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރުމަހު ތެރޭގައެވެ. މިހާތަނަށް ހއ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ކ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.