
މިއަދު ފެށުނު ކައުންސިލްތަކުގެ އަހަރީ އާންމު ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އޭގެ ހައްލު އެންމެ ފުރިހަމަ ގޮތުގައި ހޯދޭނެ ނިޒާމަކީ ލާމަރުކަޒީ ނިޒާމު ކަމަށެވެ.
މޭޔަރު އާޒިމް ވިދާޅުވީ ގައުމީ ތަރައްގީގައި އިސްކަންދޭ ތަރުތީބުގެ ތެރެއިން ރަށްފުށުގެ ތަރައްގީ ވައްދައިގެން ނޫނީ ދެމެހެއްޓެނިވި ތަރައްގީ ނުހޯދޭނެ ކަމަށެވެ. މިކަން ހާސިލު ކުރެވޭނީ މައި ސަރުކާރާއި ރަށްފުށުގެ ކައުންސިލްތަކާ ދެމެދު އިހުތިރާމު ލިބިގެންވާ އީޖާބީ ގުޅުމެއް ގާއިމުވެފައި އޮވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގައުމުގައި ކަނޑައެޅިފައި ހުންނަ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރެވޭނީވެސް އެފަދަ ވެށްޓެއް ގާއިމު ކުރެވިފައި އޮވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު ފެށުނު ކައުންސިލްތަކުގެ އަހަރީ އާންމު ކޮންފަރެންސްއަކީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކަކާއި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއި ބޭރުގެ ބައެއް ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވާ ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް ކުރިއެރުވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ. މީގެއިތުރުން މޭޔަރު އާޒިމް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ފުރިހަމައަށް ހިންގައިގެން ދިވެހިރައްޔިތުންނަށް ބާއްޖަވެރި އުފާވެރި މުސްތަގުބަލެއް ފެންނާން އެބަ އޮތް ކަމަށެވެ.