
އިމިގްރޭޝަންގެ ވަޒީފާއަށް ވޯކް އިންޓަވިއު ކުރިޔަށް ދަނީ ގަލޮޅު މަދުރަސާގައެވެ. މި އިންޓަވިއުގައި ހެނދުނު 9:00 އިން ހަވީރު 5:00 އަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އިންޓަވިއު ފެށޭ ވަގުތު ޖެހުމާއިއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ގަލޮޅު މަދުރަސާ ކައިރިޔަށް ގޮސް ދިގު ކިޔު ހަދާލާފައެވެ. އިންޓާވިއުއަށް ކިއުއަށް އެރި ފަރާތްތަކުގެ ތެރޭގައި ގިނައީ ޒުވާނުންނެވެ،
އިމިގްރޭޝަނުން ބުނީ އިންޓަވިއުކުރުން ކުރިއަށް ގެންދާނީ އެ އިދާރާއިން ކަނޑައަޅާ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުން ކަމަށެވެ.
އިންޓަވިއުގެ ޝަރުތުތައް:
- އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނެއްގައި ދަށްވެގެން ދެ މާއްދާއިން "ޑީ" ލިބިފައި ވުމާ އެކު، އޯލެވެލް ނުވަތަ އޭލެވެލްގައި ދިވެހިން ދަށްވެގެން "ސީ" ލިބިފައިވުން
- ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވުން
- އިއުލާނުގެ މުއްދަތު ހަމަވާ ދުވަހަށް އުމުރުން 40 އަހަރަށް ވުރެ ދޮށީ މީހަކަށް ނުވުން
" ވޯކް އިން އިންޓަވިއު" އަކީ ކުރިން ހުށަހެޅުމެއް ނެތި، އެ ތަނަކުން ބުނާ ގަޑިއެއްގައި ދިޔުމުން ކުރާ އިންޓަވިއުއެވެ.
އިމިގްރޭޝަނުންގެ " ވޯކް އިން އިންޓަވިއު" އަށް ނުކުމެ ތިބި ޒުވާނުން
އިމިގްރޭޝަނުން އޮފިސަރުން ހޯދަން އިއުލާންކޮށްފައި މިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާ ދިމާކޮށެވެ. އާ ޓާމިނަލް އަންނަ އޮކްޓޯބަރު މަހަށް ނިންމަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.