
މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށް ގަލޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ މި އިންޓަވިއުއަށް ޖުމްލަ 876 މީހުން ހާޒިރުވި ކަމަށް އިމިގްރޭޝަން ބުނެއެވެ.
އުމުރުން 40 އަހަރު ފުރިފައިނުވާ ކޮންމެ މީހަކަށް މި އިންޓަވިއުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވާއިރު، ޝަރުތު ހަމަވެގެން އިންޓަވިއު ކުރެވުނު މީހުންގެ އަދަދު މާދަމާ ހާމަކުރާނެ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ. ވޯކް-އިން އިންޓަވިއުއަށް ހާޒިރުވި މީހުންގެ ގިނަކަމުން ގަލޮޅު މަދަރުސާ ބޭރުގައި ދިގު ކިއުތަކެއް އުފެދިފައިވާ މަންޒަރުވެސް ފެނިގެން ގޮސްފައިވެއެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ ރިޓަޔަޑް އަހްމަދު ފަސީހް ވަނީ އިންޓަވިއު ކުރިއަށްދިޔަ ތަނަށް ޒިޔާރަތްކޮށް އެކަން ބައްލަވާލައްވާފައެވެ. އަދި މި ވަޒީފާއަށް ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރައްވާފައިވެއެވެ.
މި ވަޒީފާއަކީ ގައުމަށް ހިދުމަތްކުރުމާއި ރާއްޖޭގެ ބޯޑަރުތަކާ ގުޅޭ މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަނގަޅު ފުރުސަތެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.